އދ ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ބާއްވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ސެޝަންގައި ރާއްޖޭގެ ފަރާތުން ހަތަރު ވަޒީރަކު މިއަދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ ރާއްޖޭގެ ރިވިއު ސެޝަން ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:30 ގައި، ޖެނީވާގައި ހުންނަ އދ ގެ އޮފީހުގައި ކުރިއަށްގެންދާނެ ކަމަށެވެ.

އެގޮތުން އެ ސެޝަންގައި ވާޗުއަލީ ބައިވެރިވެވަޑައިގެން ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ، ދިވެހިރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލެގަޝޭންގެ ގޮތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ އާއި މިނިސްޓަާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް އަދި މިނިސްޓާ އޮފް ހޯމް އެފެއާޒް އައްޝައިހް އިމްރާން އަބްދުﷲ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ސުވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހްމަދާއި، ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ އޮފިޝަލުން އެ ސެޝަންގައި އިން-ޕާސަން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

މިއަދު ބާއްވާ ޔޫޕީއާރުގެ ދިވެހިރާއްޖޭގެ ރިވިއު ސެޝަންއަކީ، ދިވެހިރާއްޖޭގެ ތާރީހުގައި، ޔޫޕީއާރު ގެ ވޯކިންގް ގްރޫޕްގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ވަފުދުގައި ދައުލަތުގެ ގިނަ ވަޒީރުން ހިމެނިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެ ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީއާ، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓާވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އަދުލު އިންސާފާ، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ، ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ، ހިޔާލުފާޅުކުރުމާއި ޖަމިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާ، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން މިނިސްޓަރުން އިންޓާވެންޝަން ހުށަހަޅުއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ސެޝަންގައި، ރާއްޖޭން މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާ، މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑާ ރިޕޯޓުތަކާއި، އދ ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުން ގައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން އެދިފައިވާކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ދިވެހިރާއްޖޭން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫޕީއާރުގެ ވޯކިންގް ގްރޫޕަށް އެންގުމަށް ދިވެހިރާއްޖެއަށް 14 ޑިސެންބަރު 2020 އާ ހަމައަށް ފުރުސަތު ވަނީ ލިބިފައެވެ.

މިއަދުގެ ސެޝަންއަށް ފަހު، މި މަހުގެ 6 ވަނަ ދުވަހު ބާއްވާ ވޯކިންގް ގްރޫޕްގެ ސެޝަންގައި، ޔޫޕީއާރު ވޯކިކިންގް ގްރޫޕްއިން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓް އެޑޮޕްޓްކުރެވިގެންދާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ޔޫޕީއާރު އަކީ، ދ.އ ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ އެ ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގެންގޮސްފައިވާއިރު، 2015 ގައި އެ ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގޮސްފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، ޔޫޕީއާރު.ގެ ތިންވަނަ ސައިކަލްގައި ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްގެ އެ ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ، އިން-ޕާސަން އަދި ވާޗުއަލް ބައިވެރިވުން ހިމެނޭ، ހައިބްރިޑް މޮޑެލްއެއްގެ ގޮތުގައެވެ.