ހދ. ކުޅުދުއްފުށީ ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ މިއަދު 11:25 ހާއިރު ކުޅުދުއްފުށީ ފިހާރެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމް ވެފައިވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ އަށް ކުޅުދުއްފުށި ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމައްސަލާގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އެފިހާރައިގެ މުވައްޒަފެކެވެ.