ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެއަށް ސަފާރީއަކުން ބިޔަރު ބާލާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހުޅުމާލެ ރަބަރުގަސް މަގު 6 ނަންބަރު ގޯޅިން ކަމަށެވެ.

އެ ދެމީހުން ސައިކަލެއްގައި ދަނިކޮށް ފުލުހުން ފެނުމާއެކު އެމީހުން ގެންގުޅުނު ބިޔަރު ދަޅުތައް ހުރި ދެ ކޮތަޅު އެއްލާލާފައިވާ ކަމަށާއި އަދި އެމީހުން ހުއްޓުވައި އެއްލާލި ދެ ކޮތަޅު ނަގައި، ބަލައި ފާސްކުރި އިރު އެ ދެކޮތަޅު ތެރެއިން 96 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލަ ހުޅުމާލެ ޕޮލިސް އިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.