މިއަދާ ހަމައަށް އައި އިރު ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 46 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ރިސޯޓުން ޖުމްލަ 176 ސާމްޕަލް ނެގިފައިވާ ކަމަށާއި އޭގެތެރެއިން 46 މީހުން ޕޮޒިޓިވްވެފައި ވާ ކަމަށެވެ. އެގޮތުން މިއަދު ލިބުނު ނަތީޖާއަށް ބަލާއިރު މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި 27 ކޭސް ކަނޑިންމައިން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޖުމްލަ 176 ސާމްޕަލް ކަނޑިންމައިން ނަގާފައިވާ އިރު އެ ސާމްޕަލް ތަކުގެ ތެރެއިން ނަތީޖާ ނެގެޓިވްވެފައި ވަނީ 126 ސާމްޕަލްގެއެވެ. އަދި 4 ސާމްޕަލއެއްގެ ނަތީޖާ އަދި ސާފު ނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރި މުވައްޒަފަކު ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ވަނީ ނިޔާވެފައެވެ. އެއީ ކޮވިޑް ޖެހިގެން ރާއްޖެއިންމަރުވި 38 ވަނަ މީހާއެވެ.
އޭނާގެ ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުގައި ތިބި މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ވަނީ އެރެއިން ފެށިގެން ފަށާފައެވެ.
އަދި އެ ރަށުގެ ހާލަތު ދެނެގަނެ ނިމެންދެން މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ.