ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:40 ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ރޫޓް ފިހާރައިގެ ފަރާތުން ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލައިގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި އިތުރު 3 މިީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައި ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިންވެސް މި މައްސަލައާ ގުޅިގެން 4 މީހެއް ވަނީ ހައްޔަރު ކޮށްފައެވެ.

އެއީ އުމުރުން 20 އަހަަރުގެ ވ. ޕިންކްވިލާ، އަހުމަދު އަމީރާއި، އުމުރުން 23 އަހަރުގެ ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރާއި، އުމުރުން 22 އަހަރުގެ، ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު އަދި އުމުރުން 27 އަހަރުގެ، ލ. ގަން، ތުނޑި ކީމިޔާގެ، އަބްދުﷲ ރާޝިދެވެ.

މި ހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ހަތަރު މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުުން ކަަމަށް ފުލުހުން ބުނެއެވެ.