ވީނުވީއެއް ނޭނގި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެ މައްސަލަ ތަހުގީގު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު ރާއްޖެއަށް އައިސް އެ މަސައްކަތް އަމަލީގޮތުން ފަށާފައިވާ ކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ ކޮމިޝަނުން ކުރަމުންދާ މިތަހުގީގަށް ބޭރުގެ މާހިރަކު އައްޔަނުކުރުމަށް އެދިފައި ވަނީ އޭނާގެ އާއިލާގެ ފަރާތުންނެވެ.
އެ ކޮމިޝަންގެ ފަރާތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ، ބޭރުގެ މާހިރަކު މިހާރު ރާއްޖެ އައިސް އެ ކޮމިޝަނާއެކު ރިޟްވާންގެ މައްސަލަ ތަހުގީގު ކުރަންމުން ދާ ކަމަށެވެ. އެ މާހިރަކީ ކޮން ގައުމަކުން އައި ކޮން ބޭފުޅެއް ކަން މިސްބާހު ހާމައެއް ނުކުރައްވައެވެ. އަދި ތަހުގީގު މަރުހަލާ ގޮސްފައި އޮތް ހިސާބެއްވެސް އެ ފަރާތުން ހާމައެއް ނުކުރައްވައެވެ.
ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު މަރު ކޮމިޝަނަށް އައްޔަނުކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެފަދަ މާހިރެއް އައްޔަނުކުރުމުގެ މަސައްކަތްއެކޮމިޝަނުން ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ރިޟްވާންގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށްބަލާއިރު، އޭނާ ގެއްލުވައިލުމާ ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ކަމަށް ކުރިން އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ވެސް ވަނީ ބުނެފައެވެ. އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެކޮމިޝަނުން ވަނީ އަރުވާފައެވެ.
ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ. ރިޟްވާން ގެއްލުނުތާ ފަސް އަހަރުފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާލާފައިވާ ކަމަށެވެ.