މާލެއިން މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ރ.ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު ރަހީންކޮށް ބަޔަކު ފައިސާތަކެއް އަތުލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ވެގެން ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށް ފައިސާ އަތުލާފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި ވިކްޓިމް ޑޮކްޓަރަށް ދައްކާ ފަރުވާ ދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދޫކޮށްލީ އެ މީހުންނަށް 25،000 ރުފިޔާ ދިނުމުނެވެ.

އިއްޔެ ހެނދުނު އޭނާ ފެނިފައި ވާއިރު، ފުލުހުން ބުނެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ޝިރުމީނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ. އަދިިި ފުލުހުންނަށް މިކަން ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރި އިރު، ފޮޓޯ އާންމުކޮށް، އާންމުންގެ އެހީތެރި ކަމަށް އެދުނީ އެ ރޭގެ ވަގުތެއްގައެވެ.

އަދި އެ އަންހެން މީހާ އިއްޔެ ހެނދުނު 8:45 ހާއިރު އަމިއްލަ އަށް ގެއަށް އައިސްފައިވާ ކަމަށް އާއިލާ އާ ހަވާލަ ދީ ފުލުހުން ވަނީ ބުނެފައެވެ.