ދޫނިދޫގައި ހުންނަ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދޭން ފުލުހުންނަށް އެންގި އެންގުމަށް އަމަލުކޮށްފައި ނުވާތީ އެކަމަށް ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމާ ނޫސް ބަޔާން ނެރުނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ދޫނިދޫގައި ސާފު ފެން ލިއްބައި ދިނުމަށްޓަކައި އެރަށުގައި ފެން ފޯރުކޮށް ދެނީ ފެން ޕްލާންޓެއް ބަހައްޓައިގެން ކަމަށެވެ. މިގޮތުން ފޯރުކޮށް ދޭ ފެނަކީ ދޫނިދޫގައި ބަންދުކުރާ ގައިދީންނާއި އެތަނުގައި ޑިއުޓީ ކުރާ ފުލުހުންގެ އިތުރުން އެހެނިހެން ބޭނުމަށް ދޫނިދޫއަށް އަރާ ފައިބާ އެންމެން ވެސް ބޭނުން ކުރާ ފެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެޗްއާރްސީއެމުން ދޫނިދޫއަށް ކުރި ޒިޔާރަތުގައި އެރަށުގައި ބޯން ގެންގުޅޭ ފެން ޓެސްޓުކުރިއިރު ބައެއް ގޮޅިތަކުން ނެގި ފެނުގައި ކޮލިފޯމް ކުރި ކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރުމަށް 72 ގަޑިއިރުގެ މުހުލަތެއް ދީ މިދިޔަ އަންގަރަ ދުވަހު ފުލުހުންނަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

ފެނުގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި ދޫނިދޫގެ ބައެއް ފެންހޮޅިތައް ބަދަލުކުރުމާއި، ފެން ދާފު ކުރުމަށް ބޭނުން ކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ގާއިމް ކުރުމުގެ މަސައްކަތް ހާއްސަ އިސްލަމެއް ދީގެން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މަސައްކަތް ލަސްވެފައި ވަނީ ސަރުކާރު ބަންދު ދުވަސްތަކެއް އައުމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެޗްއާރްސީއެމުން ބަޔާން ނެރެފައި ވަނީ އެއްވެސް އެސެޓެއް ގަތުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭތީ އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ފެނުގެ މައްސަލަ ރަނގަޅު ކުރުމަށް އެދުމުން އެކަން ކޮށްފައި ނުވާ ކަމަށް ބުނެ އެޗްއާރްސީއެމުން ބަޔާން ނެރުނީ ރައްޔިތުންނަށް ހަގީގަތް އޮޅޭ ފަދައިން ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކ. ދޫނިދޫގައި ތިބި ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމް ވަގުތީ ގޮތުން ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ، އެ ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް)އިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރި ފޮލޯއަޕް ޒިޔާރަތުގައި އެކަސްޓޯޑިއަލުގައި ބަންދުކުރެވިފައިވާ ފަރާތްތައް ބުއިމަށާ ސާފުތާހިރުވުމުގެ ބޭނުން ކުރަމުންދާ ފެން ތަހުލީލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ބުއިމަށާ ސާފުތާހިރުވުމަށް ބޭނުން ކުރާ ފެނުގައި "ކޮލިފޯމް (ބެކްޓީރިއާ)" ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށާ އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ އެ ފެނަކީ ފެންވެރުމާ އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫން ކަމަށާ ފެން ބޭނުން ކުރުމުން ހަމުގެ ބަލި ފަދަ ބަލިތައް ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކަމާގުޅޭ މާހިރުން ވަނީ ލަފާ ވެސް ދީފައި ކަމަށެވެ.