ކޮންމެ ގައުމަކަށްވެސް ސަލާމަތްތެރިކަން ހޯދޭނީ އެހެން ގައުމުތަކާ އެކު މަސައްކަތް ކޮށްގެން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހާ ގުޅުވައިގެން "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ ކިތަންމެ ބޮޑު ގައުމަކަށް ވެސް ކިތަންމެ ކުޑަ ގައުމަކަށް ވެސް ސަލާމަތްތެރިކަން ހޯދޭނީ ގައުމުތަކާ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އެއްވެސް ގައުމެއް އެކަނި އޮވެގެނެއް ސަލާމަތްތެރި ކަމެއް ނުހޯދޭނެ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

އެގޮތުން މިސާލެއް ގޮތުގައި ޝަމާލް ވިދާޅުވީ އިންޑިއާ ކަނޑަށް ބަލާއިރު ރާއްޖެ އޮންނަނީ ސްޓްރެޓެޖިކަލީ މުހިންމު ހިސާބެއްގައި ކަމުން ގައުމުތައް ގުޅިގެން މަސައްކުރުން ވަރަށް މުހިންމު ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވެސް ހަގީގަތުގައި ވަރަށް ބޮޑު. ބޮޑުއިރުގައި އަޅުގަނޑުމެންނަށް ވެސް ވަރަށް މުހިންމު އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން. އޭގެ ތެރޭގައި ސްރީލަންކާ އާއި އިންޑިއާ އާ ގުޅިގެން މި ސަރަހައްދަކީ ރައްކާތެރި އަދި ސަލާމަތްތެރި ސަރަހައްދެއް ކަމުގައި ހަދަން އެބަޖެހޭ
ޝަމާލް

ނޮވެމްބަރު ތިނެއްގެ ހަނދާން އާ ކުރައްވަމުން ޝަމާލް ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާއާ ސިފައިން ކުރިމަތިލާން ޖެހުނު އިރު ދިވެހި ސިފައިން ތިބީ އެވަރުގެ ބޮޑު ކަމަކަށް ތައްޔާރުވެގެން ނޫން ކަމަށާއި ގައުމީ ދިފާއީ ބާރުގައި އަސްކަރިއްޔާއެއްގެ ސިފަ ޖެހެން ފެށީ ނޮވެމްބަރު ތިނަކަށް ފަހު ކަމަށެވެ.

އެ ހަމާލާއަށް ފަހު ގައުމުތަކުން ޓްރެއިން ވުމާއި ސީދާ އަސްކަރީ ޓްރެއިނިން، ފުޅާ ދާއިރާއެއްގައި ހޯދުމާއި ހަތިޔާރު ހޯދުން ފަދަ ކަންކަން ކުރިއަށް ދާން ފަށަފައި ވާކަން ޝަމާލް ވަނީ ފާހަގަ ކުރައްވާފައެވެ.