ދިވެހިރާއްޖޭގެ ފަހުރުވެރި 32 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި ނޮވެންބަރު 3 ގެ ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑް މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. އަދި ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާކުރުން އޮތެވެ. ސިފައިންގެ ޢަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.

ނަސްރުގެ ދުވަސް: ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ އޮފިސަރުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް އޮފިސަރުންނާއި ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއި ރިޓަޔާ ކުރައްވައިފައިވާ އެކި ރޭންކުތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނޮވެންބަރު 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާ ހިނގިއިރު ސިފައިންގެ ހިދުމަތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިވަގުތު ސިފައިންގެ ހިދުމަތުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ބައިވެރިވެލެއްވިއެވެ. މިރަސްމިއްޔާތުގައި ދިދަ ޕާޓީގެ ކޮމާންޑަރަކަށް ހުންނެވީ ކެޕްޓަން މުހައްމަދު ޝާހީއެވެ. މިރަސްމިއްޔާތު ނިންމާލާފައިވަނީ ސިފައިންގެ ލަވައިންނެވެ.

ނަސްރުގެ ދުވަސް: ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފްގެ އޭރިއާތަކުގައި ހިމެނޭ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. އަދި މި އޭރިއާތަކުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.