ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ރާއްޖޭގެ ބޮޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރުތައް ހުޅުވާލި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރި ފްލައިޓާއި ސީޕްލޭންގެ އަދަދުގެ ރެކޯޑެއް އިއްޔެ ހެދިފައިވާ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި ކޮވިޑް އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރުތައް ހުޅުވާލިފަހުން އިއްޔެއަކީ ވެލާނާ އެއާޕޯޓުގައި ފްލައިޓް މޫވްމެންޓް ރެކޯޑު ގާއިމުވެފައިވާ ދުވަހެއް ކަމަށެވެ. އެ ގޮތުން އާދިއްތަ ދުވަހު މައި އެއާޕޯޓުގައި ވަނީ 227 ފްލައިޓު ޖައްސާފައި ކަމަށް އެމްއެސީލއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ އިއްޔެ ޖެއްސި 227 ފްލައިތުގެ ތެރެއިން 69 ފްލައިޓް ރަންވޭގައި ޖައްސާފައިވާ ކަމަށާއި 158 ސީޕްލޭން ޖައްސާފައިވާ ކަމަށެވެ.
މިއަހަރު ފެށުނު އިރު ކޮވިޑް ބަލިމަޑުކަން ފެތުރެން ފަށާފައެއް ނުވެއެވެ. އެގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ވެލާނާ އެއާޕޯޓުގައި 811 ފްލައިޓު ޖައްސާ ވަނީ ރެކޯޑެއް މުގުރާލާފައެވެ. އެދުވަހު 252 ފްލައިޓް ރަންވޭ ބޭނުންކޮށްފައި ވާއިރު، 559 ސީޕްލޭން މޫވްމެންޓް ރެކޯޑް ކުރެވިފައިވެއެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވިތާ މިއަދަށް މިވީ 2 މަހާއި 15 ދުވަހެވެ. ރާއްޖޭގެ ބޮޑަރުތައް ހުޅުވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާއިރު އަހަރު ފަހު ކޮޅުގައި އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އަންނަ ސީޒަން ފެށިފައިވާއިރު މިހާރު ދުވަހެއް ދުވަހެއް އަންނަނީ މައި އެއާޕޯޓުގައި ޖައްސާ ފްލައިތުތަކާއި އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންނެވެ.
އެގޮތުން އިއްޔެ އަކީ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އިއްޔެ ރާއްޖެއަށް 1582 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހުގައި 21،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.