އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ސ. ހުޅުދޫ، ކުއްޅަވައްގެ، ޑރ. މުހައްމަދު ސޯލިހް މިއަދު އައްޔަންކޮށްފިއެވެ.

ޑރ. ސޯލިހް އެމަގާމަށް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިެވެ. މި މަގާމަށް ޑރ. ސޯލިހް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ނައިބުންނާއި އެއް ފެންވަރުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. ރައީސް ސޯލިހް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ސީއީއޯއެއް އައްޔަންކުރައްވާފައި މި ވަނީ، އެ ހޮސްޕިޓަލް ޓަޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.

ޑރ މުހައްމަދު ސޯލިހަކީ ސިއްހީ ދާއިރާގެ ހިންގުމުގެ މަތީ ފަންތީގައި 15 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅުކެވެ. އަދި އޭނާ ވަނީ 26 އަހަރު ދުވަހު ކްލިނިކަލް ކެއާގެ ދާއިރާއިން ވެސް ތަޖުރިބާ ހޯއްދަވާފައެވެ.

ޑރ މުހައްމަދު ސޯލިހް މާސްޓާ އޮފް ސާޖަރީ (ޖެނެރަލް ސާޖަރީ) ހާސިލުކުރައްވާފައި ވަނީ ނޭޕާލުގެ ތްރިބުވަން ޔުނިވާސިޓީ ޓީޗިން ހޮސްޕިޓަލުންނެވެ. މީގެ އިތުރުން، އޭނާ ވަނީ އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީން މާސްޓާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި ރާއްޖޭން ބޭރުގައި ހިންގާފައިވާ ސިއްހީ ދާއިރާއާ ގުޅޭ އެތަކެއް ތަމްރީނު ޕްރޮގްރާތަކެއް ފުރިހަމަކުރައްވާ، އެތަކެއް ވޯކްޝޮޕްތަކާއި ކޮންފަރެންސްތަކުގައި ވެސް އޭނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެ މަގާމަށް ޑރ މުހައްމަދު ސޯލިހް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ވަނީ މެޑިކާ ހޮސްޕިޓަލުގެ ޗީފް ސާޖަނެއްގެ މަގާމު ފުރުއްވާފައެވެ. ހަމައެއާއެކު އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ އިތުރު އެހެން ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ އިސް މަގާމުތައް ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ޑރ މުހައްމަދު ސޯލިހަކީ މޯލްޑިވްސް އެންޓި ޑޯޕިން އެސޯސިއޭޝަންގެ ރައީސްއެވެ. އަދި އޭނާއަކީ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންއާއި، މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއޭޝަން އަދި މޯލްޑިވިއަން މެޑިކަލް ސްޓޫޑެންޓް އެސޯސިއޭޝަންގެ އެއް ބާނީއެވެ.