މާލެއިން މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު ފެނުނު ރ.ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު ރަހީންކޮށް ބަޔަކު ފައިސާތަކެއް އަތުލި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ވެގެން ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލްކޮށް ފައިސާ އަތުލާފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި ވިކްޓިމް ޑޮކަޓަރަށް ދައްކާ ފަރުވާ ދިނުމުގެ ކަންކަން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދޫކޮށްލީ އެ މީހުންނަށް 25،000 ރުފިޔާ ދިނުމުނެވެ.

މިއަދު ހެނދުނު އޭނާ ފެނިފައިވާއިރު، މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ޝިރުމީނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ. އަދިިި ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއިރު، ފޮޓޯ އާންމުކޮށް، އާންމުންގެ އެހީތެރި ކަމަށް އެދުނީ ރޭގެ ވަގުތެއްގައެވެ.

އަދި އެ އަންހެން މީހާ މިއަދު ހެނދުނު 8:45 ހާއިރު އަމިއްލަ އަށް ގެއަށް އައިސްފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.