މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފިއެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވަނީ ޓްރިވަންޑްރަމް ގައި ހުންނަ މެޑިކަލް ކޮލެޖު ހޮސްޕިޓަލުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އުމުރުން 31 އަހަރުގެ ސިދުރަތުﷲ މަރުވެފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އައިޖީއެމްއެޗާ ދިމާ މޫދު ތެރެއިންނެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވަނީ އެއީ ގުދުރަތީ މަރެއްކަން ކަށަވަރުވެފައި ނުވާތީ ކަމަށް ފުލުހުން ބުނެއެވެ. އެއީ އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެނިފައިވާތީއެވެ.

ސިދުރަތުﷲ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށް ފުލުހުްނ ބުނެއެވެ. އެހެންކަމުން އެ ދުވަހުގެ އެ ވަގުތުގައި އޭނައާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ފުލުހުން ވަނީ ސިދުރަތުﷲ ހެނދުނު ރަސްފަންނަ ދަނިކޮށް ފެންނަ ސީސީޓީވީ ފޫޓޭޖްއެއް ޓްވީޓާ މެދުވެރިކޮށް އާއްމުކޮށްފައެވެ.