އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓުގައި ހާލުދެރަވި ތުއްތު ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، އެކުއްޖާއަކީ އަލަށް އުފަންވި ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާ މާލެ ގެނައީ އައްޑޫ ސިޓީން ކަމަށް ވާއިރު، ކުއްޖާ މާލެ ގެނައި އިރު ވެސް ހާލު ސީރިއަސް ކަމަށް ވެއެވެ. މި ތުއްތު ކުއްޖާ މާލެ ގެނެސްދީފައި އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓުގައި ރޭ ފަތިހު 4:02 ހާއިރެވެ.

މިއީ އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓެއްގައި ސިއްހީ ފަރުވާއަށް މީހަކު މާލެ ގެނެސްދިން ދެވަނަ ފަހަރެވެ.

ފުރަތަމަ ފަހަރު ޑޯނިއާ ފްލައިޓުގައިި ސިއްހީ ފަރުވާއަށް ބޭނުންވި މީހަކު މާލެ ގެނެސްފައި ވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުންނެވެ. އެގޮތުން، އެ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވާލީ ހާލު ސީރިއަސްވެފައިވާ އުމުރުން 78 އަހަރުގެ ފިރިހެނެކެވެ.

އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓަކީ އިންޑިއާއިން ރާއްޖެއަށް ދިން މަތިންދާ ބޯޓެކެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ޑޯނިއާ ފްލައިޓު ލިބުނީ މިއަހަރު ސެޕްޓެމްބަރު މަސް ތެރޭގައެވެ.

މި މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާ ކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.