މާލެއިން މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މިއަދު ހެނދުނު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ މިއަދު ހެނދުނު 8: 45 ހާއިރު އޭނާގެ ގެއަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އަންހެން މީހާއަކީ، ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) އެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ޝިރުމީނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ. އަދިިި ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއިރު، ފޮޓޯ އާންމުކޮށް، އާންމުންގެ އެހީތެރި ކަމަށް އެދުނީ ރޭގެ ވަގުތެއްގައެވެ.

ޝިރުމީނާ އަބޫބަކުރު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ކަމަށް ވެސް ފުލުހުން ވަނީ ރޭ ބުނެފައެވެ.

ހަމައެއާއެކު ޝިރުމީނާ އަބޫބަކުރާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން އެދުނެވެ.