މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން އަތޮޅަކުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ށ.ފުނަދުއާއި ތ. ކިނބިދޫގެ އިތުރުން ޏ.ފުވައްމުލައް ސިޓީގައެވެ.

ފުލުހުން ބުނީ ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި 31 އަހަރުގެ މީހަކާ 63 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު އެ ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އެރަށު ބަނދަރު ސަރަހައްދުން އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހި ހުރި 34 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ކިނބިދޫގައި ހިންގި އޮޕަރޭޝަނަކީ ވޭމަންޑުން ކިނބިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އިއްޔެ ހިންގި މިއޮޕަރޭޝަނުގައި 24 އަހަރުގެ މީހަކާ 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އޭގެ އިތުރުން މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލަކު ސިޓީގައި ވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

އެމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.