ސިނަމާލޭ ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހައިވޭ މަތީ މަސައްކަތެއްކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަހަމްތަކެއް ލިބުމާ ގުޅިގެން އޭނާއަށް މިހާރު ގެންދަނީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓުވި އަންހެން މީހާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:35 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސިނަމާލެ ބްރިޖަކީ ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓު ހިނގާ ތަނެކެވެ.