ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބާއްވަން ނިންމި "ބަޑި ބުރާސްފަތި" ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމުގެ ހުއްދަ ނުލިބުމުން، ޕީޕީއެމް ދޮރުމަތީ ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ، "ބަޑިބުރާސްފަތި" ޖަލްސާ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހުއްދައަށް އެދުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ނުދިން ކަމަށެވެ. އަދި ވާޗުއަލްކޮށް ޖަލްސާ ބޭއްވުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހުއްދަ ނުލިބުމުން މިހާރު އެ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދުމުން، މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރު ވެސް މި ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ސަރުކާރަށް ނުކެރޭނެ ކަމަށް އިއްޔެ ޕީޕީއެމުން ވަނީ ބުނެފައެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން މަސައްކަތް ކުރަމުން ދާ ބަޑި ބުރާސްފަތި ޖަލްސާ ރާވާފައި އޮތީ ނޮވެމްބަރު ތިންވަނަ ދުވަހުގެ ރޭ 8:00ގައި ކާނިވާ ސަރަހައްދުގައެވެ.

މިދިޔަ އަހަރު ވެސް އިދިކޮޅު ކޯލިޝަނުން ބަޑިބުރާސްފަތި ޖަލްސާ ބޭއްވުމަށް ރޭވިއެވެ. ނަމަވެސް އޭރުވެސް ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދިނުމުން ފަހުން ޖަލްސާގެ ބަދަލުގައި ބޭއްވީ އާންމުންގެ އެއްވުމެކެވެ.