ސުނާމީ ބިނާ މައިޒާން މިއަހަރުތެރޭ 5 ފަހަރު މަރާމާތު ކުރިތަން ފެނުނު މީހަކު މޭލޭގައި ހުރިހެން ހީނުވާ ކަމަށް ވިދާޅުވެ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދަށް ރައްދު ދެއްވައިފިއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ސުނާމީ ބިނާ މައިޒާން މިއަހަރު ތެރޭ އެކަނިވެސް 5 ފަހަރު މަރާމާތު ކޮށްފައިވާ ކަމަށް މޭޔަރު ޝިފާ ވިދާޅުވުމާ ގުޅިގެންނެވެ. އެގޮތުން، މުއިއްޒު ވިދާޅުވީ ޝިފާ އެ ވިދާޅުވާ މަރާމާތެއް ކުރިތަން ފެނުނު މީހަކު މާލޭގައި ހުރިހެން ހީނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސުނާމީ ބިނާ މައިޒާނާއި ކުރީ ސަރުކާރުން ހެދި 11 ޕާކުވެސް ގެންދިޔައީ ކޮންމެ ދުވަހަކު ކުނިކަހާ، ސާފުތާހިރުކޮށް ބަލަހައްޓަމުން ކަމަށެވެ. އަދި މިހާރު މިފެންނަ އިހުމާލުގެ މަންޒަރު އޭރު ނުފެންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ސުނާމީ ބިނާ މައިޒާން މިއަހަރު ތެރޭ އެކަނިވެސް 5 ފަހަރު މަރާމާތު ކޮށްފައިވާ ކަމަށް މޭޔަރު ޝިފާ ވިދާޅުވީ ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޕޯސްޓުގައި ޝެއާ ކޮށްފައިވާ ވީޑިއޯއިން ފެންނަނީ ސުނާމީ ބިނާ މައިޒާނުގައި ހުރި ގާތަށް ނެއްޓި، އެތަން ވީރާނާވަމުންދާ މަންޒަރެވެ.
ސުނާމީ ބިނާ މައިޒާނަކީ، ވައިގަދަވެ، ވިއްސާރަވެ، އުދަ އެރުން ފަދަ މޫސުމީ ކަންކަން ދިމާވުމުން އަވަހަށް ހަލާކުވާ ތަނެކެވެ. އެގޮތުން އެތަނުގައި ހުންނަ ގާތަށް ނެއްޓުމާއި، ރާޅާއެކު ކުނިތައް އެ ސަރަހައްދަށް ޖަމާވެފައިވާ މަންޒަރު ވަރަށް ގިނައިން ފެނެއެވެ.
ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކަށް އެރި ސުނާމީ ކާރިސާގައި ނިޔާވި ދިވެހިންގެ ހަނދާނުގައި ބަހައްޓާފައިވާ ބިނާއެކެވެ. މިބިނާ ފުރަތަމަ ލޮނުޒިޔާރަތްކޮޅުގައި ބެހެއްޓި ނަމަވެސް، ސިނަމާލެ ބްރިޖް މަޝްރޫގެ މަސައްކަތް ކުރުމަށްޓްކައި އެ ބިނާ ވަނީ 2015 ވަނަ އަހަރުތެރޭ ތިން ރުއްޕާކު ސަރަހައްދަށް ބަދަލު ކޮށްފައެވެ. ސުނާމީ ބިނާމައިޒާން ތަރައްގީކޮށްފައި ވަނީ އާންމުނަށް ހިތްހަމަޖައްސާލަން ގޮސް ތިބެވޭނެ ފަދަ ގޮތަކަށެވެ.