މަގުމަތިން ފޭރުމާއި ކަނޑުމަތިން ފޭރުން ރާއްޖޭގެ ކޯޓުތަކަށް ވަރިހަމަ ވެއްޖެނަމަ އޮތް ހައްލަކީ އަމިއްލަށް ދިފާއުވުން ކަމަށް ހިތަދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ދޯންޏެއް ގަތް މުއާމަލާތަކަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ ތޫނު އެއްޗެއްސާ އެކު ދޯންޏަކަށް ބަޔަކު އެރި މައްސަލައާ ގުޅިގެން ނިޒާރު ވިދާޅުވީ އެ ކަންތައް ރައްޖޭގެ ކޯޓުތަކަށް ނުހުއްޓުވޭނަމަ ދެން އޮންނާނެ ގޮތަކީ އަމިއްލައަށް ދިފާއުވުން ކަމަށެވެ.

އެހެންކަމުން މަސްވެރިން އަމިއްލައަށް ދިފާއުވާން ހަތިޔާރު ދޯންޏަށް ލާން ޖެހިދާނެ ކަމާމެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ކޯޓުތަކަށް މަގު ފޭރުމާއި ކަނޑު ފޭރުން ވަރިހަމަ ވެއްޖެނަމަ ދެން ހައްލަކީ އަމިއްލައަށް ދިފާއުވުން، މަސްވެރިން އަމިއްލައަށް ދިފާއުވާން ހަތިޔާރު ދޯންޏަށް ލާން ޖެހެނީބާ؟
ނިޒާރު

ދޯންޏަކަށް ތޫނު ހަތިޔާރާއެކު އެރި މައްސަލާގައި ޖުމްލަ 16 މީހަކު ހައްޔަރު ކުރިއެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެހެން ކަމުން އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ގައި މިހާރު ވާނީ އެދިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަތަ އެފަދަ ކަންކަމުގައި ފުލުހުން އަމަލު ކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައި ވާނަމަ އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑަޑް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުން އެއީ އެންމެ ރަނގަޅު ގޮތް ދެކޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ދޯނީގެ ފަޅުވެރިން ނެރެފައިވާ ބަޔާނެއްގައި ބުނީ ދޯންޏަށް އެރި މީހުން ހަތިޔާރާއެކު އަރާ ދޯނި އެހީމުންގެ ކޮންޓްރޯލަށް ގެންދިޔަ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ފުލުހުން ބުނެފައި ވަނީ މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މައުލޫމާތު ސާފު ކުރި ކުރުމުން އެ ދޯނި ލ. ގަމު ތުނޑިއަށް ކައިރި ކުރަން އެންގިފައިވާ ކަމަށެވެ. ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވެއެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތޫނު އެއްޗެއްސާ އެކު ގްރޫޕަކުން އެރި ދޯންޏަކީ ސ. ހިތަދޫގައި ދުއްވާ 'ފަސްކުރި' ދޯންޏެވެ.