ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި 49 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ފުލުހުންގެ ސެންޓްރަލް ޕޮލިސް ޑިވިޝަން (މ، ފ އަދި ދ އަތޮޅު) ގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރަުގެ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާ ކުރި މައްސަލައެއް މިިދޔަ އޮކްޓޯބަރު މަހު 23 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެެ. އެހެންކަމުން މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އަތޮޅާޢި ރަށް ހަމަ ނުކުރަނީ ކުއްޖާގެ ކަރާމަތަށްޓަކައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހު ޖުމުލަ 238 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ އިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވެއެވެ.

އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ބާވަތުގެ 44 މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ. އިހުމާލުވުމުގެ 29 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ އަކާއި ނަފްސާނީ ހާނިއްކައިގެ 5 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ އަކާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 2 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުން ކުރުމުގެ 1 މައްސަލަ ހިމެނެއެވެ.