މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށާއި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެއެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ތިން ދަޅާއި ޕްލާސްޓިކް ފުޅިއެއްގެ އިތުރުން ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.