މަސްތުވާތަކެތީގެ ޝިކާރައަކަށް ވާ މައިންގެ ދަރިން ވިހައިގެން ފަރުވާދޭން ޖެހޭ ތުއްތުކުދިން ގިނަވަމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ވިދާޅުވީ، މަސްތުވާތަކެތީގެ ޝިކާރައަށް ވާ މައިން ގިނަވެ، އެމައިންގެ ދަރިން ވިހައިގެން "ވިތްޑުރޯލް" ގެ ސަބަބުން ފަރުވާދޭން ޖެހޭ ތުއްތުކުދިން ގިނަވަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައިން މާބަނޑު އިރު ސިއްހީގޮތުން ހޯދަންޖެހޭ ފަރުވާތައް ހޯދަން ނޫޅޭ ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.
އެހެން ކަމުން މިހާލަތުގައި ރާއްޖެ މަސްތުވާތަކެތިން ސަލާމަތް ކުރަން ޖެހޭ ކަމަށްވެސް ޑޮކްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
މަސްރުވާތަކެތީގެ ޝިކާއަކަށްވާ މީހުން ރާއްޖޭގައި ގިވަމުން އަންނަ އިރު، 2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ ވެސް މަސްތުވާތަކެތީގެ މައްސަލަތައް ކަމަށާއި އެގޮތުން މަސްތުވާތެކެތި ބޭނުން ކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި، މަސްތުވާތަކެތި އެތެރެ ކުރުމާއި ވިއްކުމާއި، ބަނގުރާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެގޮތުން މިދިޔަ އަހަރު ހުށަހެޅި 119 މައްސަލައެއްގެ ތެރޭގައި ހިމެނޭ ފިރިހެން ކުދިންގެ ފަރާތުން އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި، ވައްކަން ކުރުމާއި، މާރާމާރީގެ މައްސަލަތަކެވެ. އަންހެން ކުދިންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި މެތަޑޯން މެއިންޓެނަންސް ތެރަޕީ އަލުން ފަށަން ނިންމާފައި ވާކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް އަދި އެ މަސައްކަތް ފެށިފައި ނުވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ ކުރިން ވެސް މެތަޑޯން މެއިންޓެނަންސް ތެރަޕީ ރާއްޖޭގައި ކުރިއަށް ގެންދިޔަ ނަމަވެސް ތަފާތު ސަބަބުތަކާ ހެދި މީގެ 3 އަހަރު ކުރިން ވަނީ މި ޕްރޮގްރާމް ހުއްޓާލާފައެވެ.