އަންނަ އަހަރުގެ ބަޖެޓު ރިޕޯޓު މަޖިލީހަށް ފޮނުވާފައި ވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، ބަޖެޓްގެ ތަފްސީލު ދޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށެވެ.
މަޖިލީހަށް ފޮނުވީ ކިހާވަރެއްގެ ބަޖެޓެއްކަން ފިނޭންސުން ހާމަ ނުކުރި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުން ހުށަހަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި އަހަރަށް ލަފާކޮށް ފާސް ކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލަފާ ކުރި ވަރަށް އާމްދަނީ ލިބިފައި ނުވެއެވެ. މައިގަނޑު ގޮތެއްގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ އާމްދަނީ ދަށްވެ، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް އަންދާ ޒާކުރި އާމްދަނީއަށް ވުރެ ބޮޑުތަނުން ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއާއެކު 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓު ޑެސިޓް ބޮޑުވާނެ ކަމަށް މިހާރު ލަފާކުރެވޭތީ ޑެފިސިޓް ފޫބެއްދުމަށް ބޭނުންވާ ފައިސާގެ މިންވަރު އިތުރުވަމުން ދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުންނާއި، އެހެން ގައުމުތަކުންނާއި ސަރުކާރުތަކުން އެހީ ފޯރުކޮށްދީފައި ވާ ކަމަށެވެ.
އެގޮތުން 11 ޑޯނަރުންގެ ފަރާތުން އެހީ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިހާތަނަށް އެންމެ ބޮޑު ލޯނުގެ އެހީއެއް ދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިންނެވެ. އެގޮތުންް އެސްބީއައި އިން ވަނީ 250 މިލިއަން ޑޮލަރުގެ ލުއި ލޯނެއް 3.5 ޕަސެންޓް އިންޓަރެސްޓުގައި ދީފައެވެ. އެ ލޯނު ފޯރުކޮށްދީފައި ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) 52.3 މިލިއަން ޑޯލަރުގެ އެހީ ދީފައި ވާއިރު ޖާޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ވަނީ 47.5 މިލިއަން ޑޮލަރުގެ ލޯނުގެ އެހީ ދީފައެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 28.9 މިލިއަން ޑޯލަރު އިންޓަރެސްޓް ފްރީ ލޯނުގެ ގޮތުގައި ދީފައި ވާއިރު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ވަނީ 22.6 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދީފައެވެ. އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ލޯނުގެ ގޮތުގައި ވަނީ 35.65 މިލިއަން ޑޮލަރު ދީފައެވެ.
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 20.0 މިލިއަން ޑޮލަރުގެ އެހީ ދީފައި ވާއިރު އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ވެސް ވަނީ 20.0 މިލިއަން ޑޮލަރުގެ ލޯނުގެ އެހީ ދީފައެވެ. ވާލްޑް ބޭންކުން 31.05 ލޯނުގެ އެހީ މިލިއަން ޑޮލަރު ދީފައި ވާއިރު އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) 4.5 މިލިއަން ޑޮލަރު އަދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 7.3 ލޯނުގެ އެހީ ވަނީ ދީފައެވެ.
ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ތަކަށް އެކި އިދާރާތަކުން މުޅި ޖުމްލަ 2.2 ބިލިއަން ރުފިޔާ (2،297.8 މިލިއަން ރުފިޔާ) ވަނީ ހަރަދު ކޮށްފައެވެ. އެންމެ ބޮޑު ހަރަދެއް މިހާތަނަށް ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.