ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރި މުވައްޒަފަކު ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް ރޭ މަރުވީ ކޮވިޑަށް ޕޮޒިޓިވް ދިވެއްސެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، ރޭ އިރާކޮޅު މަރުވީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ ރޭ 9:45 ހާއިރު އެވެ. މިކަން އެޗްޕީއޭއިން އިއުލާން ކުރީ މިރެއެވެ.

އޭނާ ޕޮޒިޓިވް ވުމާ ގުޅިގެން ކަނޑިންމަ ރިސޯޓާއި އަދި ދ. އަތޮޅު ހޮސްޕިޓަލުގައި އެޅި ފިޔަވަޅުތަކެއް އެޗްޕީއޭއަކުން އަދި ހާމައެއް ނުކުރެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ، ރާއްޖެއިން 27 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،643 އަށް އަރާފައެވެ.

ޕޮޒިޓިވްވި ޖުމްލަ މީހުންގެ ތެރެއިން 10،779 މީހުން ރަނގަޅު ވެފައި ވާއިރު، އިއްޔެ މި ބަލިން ރަނގަޅުވީ 46 މީހެކެވެ. އަދި މި ބަލީގައި 38 މީހަކު މިހާރު ނިޔާވެފައި ވާއިރު، މި ބައްޔަށް ޕޮޒިޓިވްވި 7 މީހަކު ވެސް ވަނީ ނިޔާވެފައެވެ. އެ 7 މީހުންނަކީ ކޮވިޑްގައި ނިޔާވި މީހުން ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 820 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 259 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. ދެން ޕޮޒިޓިވްވެފައި ތިބި މީހުން ތިބި ހޯމް ކަރަންޓީނުގައާއި، ށ އަތޮޅާއި ބ އަތޮޅުގެ ކޮވިޑް ފެސިލިޓީގައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 20 ރަށެއްގައެވެ. އަދި 26 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 37 ފަތުރުވެރިންނާއި އެކި ރިސޯޓުތަކުގެ 82 މުވައްޒަފަކު އެކްޓިވް ކޭސްގެ ގޮތުގައި އެބަ ތިއްބެވެ.