އައިޖީއެމްއެޗްއާ ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ އަހުމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހަފްތާތެރޭ އިންޑިއާއަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ މަސައްކަތް ލަސްވަނީ ރާއްޖެއިން ބޭރުން ކުރަންޖެހޭ ކަމަކަށް ވެފައި އެކަން ކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ކަމަށް ފުލުހުން ބުނެއެވެ. އަދި ކޮވިޑްގެ މި ހާލަތާ ގުޅިގެންވެސް އުންދަގޫތަކެއް މި ކަމުގައި އެބަހުރި ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މި ފެށޭ ހަފްތާ ތެރޭގައި ސިދުރަތުﷲ ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލެވޭތޯ މަސައްކަތް ކުރެވެމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 31 އަހަރުގެ ސިދުރަތުﷲ މަރުވެފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އައިޖީއެމްއެޗާ ދިމާ މޫދުންނެވެ. މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި ޒަހަމް ހުރި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.

ޕޯސްޓްމޯޓަމް ހަދަނީ އެއީ ގުދުރަތީ މަރެއްކަން ކަށަވަރު ވެފައި ނުވާތީ އެވެ. އަދި އެހާދިސާ ހިނގި ގޮތުގެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާ ނަމަވެސް އެކަން ވެސް ފުލުހުންނާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.