ރޫޓް ފިހާރައިން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ސައިކަލެއްގައި އައި ހަތަރު މިޙަކު ފޭރެން އުޅުމުން އެކަން ހުއްޓުވަން މަަސައްކަތް ކުރި 4 މީހުންގެ އަގުވަޒަންކޮށް ފައިސާގެ އިނާމު ދީފިއެވެ.

މި ހަތަރު މީހުންގެ އަގުވަޒަންކޮށް ފައިސާގެ އިނާމު ދީފައި ވަނީ ރޫޓް ފިހާރައިގައެވެ. ފައިސާ ދީފައި ވަނީ އޯސީގެ ސެކިއުރިޓީ ބަލަހައްޓަން ހުރި "އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ މުވައްޒަފު މުހައްމަދު ހަސަން މަނިކާއި ރޫޓުގެ ފައިސާ ހިފައިގެން ޖަމާކުރަން ދިޔަ އެތަނުގެ ތިން މުވައްޒަފުންނަށެވެ.

އެގޮތުން ސެކިއުރިޓީ ގާޑަށް ރޫޓްގެ ފަރާތުން ވަނީ 50،000 ރުފިޔާ ދީފައެވެ. އަދި ތިން މުވައްޒަފުންނަށް ވަނީ 10.000 ރުފިޔާ ދީފައެވެ. އެ ތިން މުވައްޒަފުންނަކީ، ފޭރެން އައި މީހެއްގެ ލޮލަށް ބޮޑީ ސްޕްރޭ ޖެހި މަރިޔަމް ޖީލާ އާއި އެ ކުންފުނީގެ ޑްރައިވަރު ބާދުޝާހު އާއި ލޭބަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖަލާލުއްދީނެވެ.

ރޫޓުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ބީއޯސީގެ ސެކިއުރިޓީ ބަލަހައްޓަން ހުރި "އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ މުވައްޒަފު މުހައްމަދު ހަސަން މަނިކު ނެތް ނަމަ އެ ކުންފުނިން ޖަމާ ކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ގެއްލުނީސް ކަމަށެވެ. އަދި ހަސްނ މަނިކު ކަން ކުރި ފަދައިން ދެންވެސް މިފަދަ ހާދިސާއެއް ހިނގައިފި ނަމަ ފަސްޖެހުމެއް ނެތި އެހީވުމަށް ރާފިއު ނަސޭހަތްތެރި ވިއެވެ. އެ ދުވަހުވެސް އެތައް ބަޔަކު ފަސްޖެހުނުތަން ފެނިވަޑައިގެން ކަމަށް ރާފިއު ވިދާލުވިއެވެ. ނަމަވެސް ހަސަން މަނިކު ފޭރުން ހުއްޓުވުމަށް ކުރި މަސައްކަތް ފާހަގަކުރައްވާ ރާފިއު ޝުކުރުއަދާ ކުރެއްވިއެވެ.

އެ ދުވަހު ރޫޓްފެ ފައިސާ ހިފައިގެން ބޭންކާ ކައިރި ކުރާ ރީނދޫ ކުލައިގެ ވޭންގެ ކުރިއަށް ވާ ގޮތަށް 2 ސައިކަލު މަޑުކުރެއެވެ. އަދި ވޭން ޕާކު ކޮށް އެއިން މީހުން ނުކުންނަންދެން ހުށިޔާރު ކަމާއެކު ތިބެފައި ވޭނުން ފައިބާ މީހުން ކޮއްޕާލައިފައި ފައިސާ ދަމައިގަންނަން މަސައްކަތް ކުރެއެވެ. އެވަގުތު އެ ސައިކަލު ދުއްވަން އިން މީހާވެސް ފައިބައިގެން ގޮސް އަނެއް މީހާއަށް އެހީތެރިވާން އުޅެއެވެ.

ނަމަވެސް ބޭންކުގެ ސެކިއުރިޓީންގެ ހުށިޔާރު ކަމާއެކު ފައިސާ ފޮށިގަނޑު އަތުލައި ފޭރޭ މީހުން ފަހާ ދުއްވައިގަނެއެވެ. އެހާ ހިސާބުން އެކަން ކާމިޔާބު ނުވުމުން އެމީހުން އެތަނުން ފިލައެވެ. ފޭރެން 4 މީހަކު އުޅުނު އިރު އޭގެތެރެއިން 3 މީހުން ތިބީ ހެލްމެޓް އަޅައިގެންނެވެ. އެކަކު އިނީ މާސްކް އަޅައިގެންނެވެ.

މިހާރު މި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި 4 މީހުން ވަނީ އަތުލައިގެންފައެވެ. އަދި އެމީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އެ ހަތަރު މީހުންނަކީ އުމުރުން 20 އަހަަރުގެ ވ. ޕިންކްވިލާ، އަހުމަދު އަމީރާއި، އުމުރުން 23 އަހަރުގެ ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރާއި، އުމުރުން 22 އަހަރުގެ، ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު އަދި އުމުރުން 27 އަހަރުގެ، ލ. ގަން، ތުނޑި ކީމިޔާގެ، އަބްދުﷲ ރާޝިދެވެ.