ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:40 ހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

އެއީ އުމުރުން 20 އަހަަރުގެ ވ. ޕިންކްވިލާ، އަހުމަދު އަމީރާއި، އުމުރުން 23 އަހަރުގެ ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރާއި، އުމުރުން 22 އަހަރުގެ، ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު އަދި އުމުރުން 27 އަހަރުގެ، ލ. ގަން، ތުނޑި ކީމިޔާގެ، އަބްދުﷲ ރާޝިދެވެ.

ފުލުހުން ބުނީ އެހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށެވެ. އެހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުުން ކަަމަށް ފުލުހުން ބުނެއެވެ.