އިސްކަންދަރު މަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދުގައި ކަންމައްޗަކަށް ހުރި އިމާރާތެއް އަރިއަޅާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމަތު ދެމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ، އެ އިމާރާތް އަރިއަޅަމުން ދާކަން ފާހަގަ ކުރެވޭ ކަމަށާއި ކުރިންވެސް އެ އިމާރާތުގައި ބޮޑު ރެނދެއް ލައިގެން ރަނގަޅު ކޮށްފައި ވާ ކަމަށެވެ.

އަދި މިއަދު އެ އިމާރާތުގެ ތިރީގައި ހުންނަ ސެލް ޒޯން ނަމަކަށް ކިޔާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ވަނީ އެ އިމާރާތް އަރިއަޅާތީ އަންނަ ޕްރެޝަރުގައި ކަމަށް އެމީހާ ބުނެއެވެ. އެ އިމާރާތުގައި ކުރިން ބޮޑު ރެނދެއްވެސް ލާފައި ހުރި ކަމަށެވެ. އެ އިމާރާތް އަރިއަޅަމުން ދާތީ އެކިކަހަލަ ގެއްލުންތައް ލިބެމުން އަންނަ ކަމަށް އެފަރާތުން ބުނެއެވެ.

"ސީދާ ޓައިލްތައް ނެއްޓުނު ދުވަހެއް ބުނާކަށް ނޭނގޭ. އެކަމަކު މިއަދު ބިއްލޫރިގަނޑު ތަޅާއިގެން އެ ދިޔައީ. ޖެހިގެން ހުރި އިމާރާތާ މި އިމާރާތް ހުންނާނީ ޖެހި ފިތިގެން އެކަމަކު ބަލާބަލަ މިހާރު ދެ އިމާރާތް ދޭތެރޭ މިއޮތީ ދުރުވެފައި."
އެ ސަރަހައްދުގައި ދިރިއުޅޭ މީހެއް

މިއީ މާލެ ފަދަ ބައިބޯ ތަނެއްގައި ބިރު ބޮޑު ކަމެއް ކަމަށާއި އެތައް ބައެއްގެ ފުރާނައަށް ގެއްލުންވާ ފަދަ ކަމެއް ހިނގުމަކީ އެކަށީގެންވާ ކަަމެއް ކަމަށް ވެސް އެފަރާތުން ބުނެއެވެ،

މިދިޔަ ހަފްތާގެ ތެރޭގައިވެސް އެ އިމާރަތަށް ގެއްލުން ލިބިގެން އުޅުނެވެ. އެ ގޮތުން އަދި އެ އިމާރާތުގެ ބޭރުގައި ޖަހާފައި ހުރި ބައެއް ޓައިލްސް ނެއްޓި ބިންމައްޗަށް ފައިބައިގެން އެތަން ސާފުކޮށް އުޅުނު ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެއެވެ.

ސެލް ޒޯން ފިހާރަ ހުރި އިމާރާތް ޖެހިގެން ހުރި އިމާރާތާ ދުރަށް ޖެހިފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މިކަމާ ގުޅިގެން ފުުހުން ބުނީ، މާލޭގެ ޗާންދަނީ މަގުގައި ހުންނަ ސެލް ޒޯން ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއަދު މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 1:20 ހާއިރު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސެލް ޒޯން ފިހާރަ ހުރި އިމާރާތް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އެ ސަރަހައްދުގައި މިހާރުވެސް ފުލުހުން ވަނީ އެ ތަން ހުރަސް ނުކުރުމަށް އިންޒާރުދޭ ރީނދޫ ކުލައިގެ ޓޭޕް ދަމާފައެވެ. އެ ސަރަހައްދުގައި މިއަދު މެންދުރު ފަހުން އަބަދުވެސް ފުލުހެއް ހުންނަ ކަމަށް އެ ސަރަހައްދުން މައުލޫމާތު ދިން މީހަކު ބުނެއެވެ.

އެ އިމާރާތަކީ 6 ބުރީގެ އިމާރާތެކެވެ. ކޮންމެ ބުރިއެއްގައިވެސް މީހުން ދިރިއުޅެއެވެ. އެ އިމާރާތް އަރިއަކަށް ޖެހޭ ތީ އެކަމާ އެ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކު ތިބީ ކަންބޮޑުވެފައެވެ.