ދޯންޏެއް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ ތޫނު އެއްޗެއްސާ އެކު ދޯންޏަކަށް ބަޔަކު އެރި މައްސަލައާ ހައްޔަރު ކުރި 16 މީހުން ބަންދުން ދޫކޮށްލުމުން އެ މައްސަލަ އިސްތިއުނާފު ކުރަން ފުލުހުން ނިންމައިފިއެވެ.

އެ މައްސަލައިގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރު ކުރިއެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެން ކަމުން އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ގައި މިހާރު ވާނީ އެދިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަތަ އެފަދަ ކަންކަމުގައި ފުލުހުން އަމަލު ކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައި ވާނަމަ އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑަޑް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުން އެއީ އެންމެ ރަނގަޅު ގޮތް ދެކޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ދޯނީގެ ފަޅުވެރިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވާ ގޮތުން، ދޯންޏަށް އެރި މީހުން ހަތިޔާރާއެކު އަރާ ދޯނި އެހީމުންގެ ކޮންޓްރޯލަށް ގެންދިޔައެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ދޯންޏަކަށް ތޫނު އެއްޗެއްސާއެކު ބަޔަކު އެރި މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައިގެ ވަށައިގެން ވާ ހުރިހާ ކަމެއްވެސް ތަހުގީގުގެ ތެރެއިން ބެލިން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ފުލުހުން ބުނެފައި ވަނީ މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މައުލޫމާތު ސާފު ކުރި ކުރުމުން އެ ދޯނި ލ. ގަމު ތުނޑިއަށް ކައިރި ކުރަން އެންގިފައިވާ ކަމަށެވެ. ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވެއެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތޫނު އެއްޗެއްސާ އެކު ގްރޫޕަކުން އެރި ދޯންޏަކީ ސ. ހިތަދޫގައި ދުއްވާ 'ފަސްކުރި' ދޯންޏެވެ.