ދޯންޏެއް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު މަސްބާނަން ނިކުމެ އުޅުނު ދޯންޏަކަށް ބަޔަކު ހަތިޔާރާއެކު އެރި ހާދިސާގެ ހަގީގަތް ހާމަކުރުމަށް ފަސްކުރި ދޯނީގެ ފަޅުވެރިން ބަޔާނެއް ނެރެފިއެވެ.
ފަސްކުރި ދޯނީގެ 22 ފަޅުވެރިންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ 12:30 ހާއިރު ލ. ވަޑިނޮޅި ކައިރީ އެންދަމަން ތިއްބާ އެ ދޯންޏަށް ތޫނު ހަތިޔާރާއެކު އެރި 28 މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެގޮތުން، ދަނގަޑާއި، ވަޅި، ކަނޑި ފަދަ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ދޯނީގައި ތިބި ފަޅުވެރިންނާއި ކެޕްޓަނަށް ބިރު ދައްކާފައި ވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި މިކަމުގައި އެންމެ އިސްކޮށް ހުރީ ދޯނީގެ ވެރިމީހާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ސިފަ ކުރީ ކަނޑުފޭރުން
ފަސްކުރި ދޯނީގެ ފަޅުވެރިން ބުނީ، ދޯންޏަށް އެރި މީހުން ފަޅުވެރިންނަށް މަރުގެ އިންޒާރު ދީ، "ކޮށަލާނެ ކަމަށާއި، "ވަޅި ތަޅާލާނެ" ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށެވެ. އަދި އެމީހުންގެ ގައިގައި ވަޅި ޖައްސާ، އެމީހުން ބުނާ ކަންކަން ކުރުމުގައި ލަސްވުމުން އަވަސް ކުރުމަށް ގޮވާ، މޫނަށް ވަޅި ދިއްކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު، ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ގަޔަށް ހޫނުފެން އަޅާފައިވާ ކަމަށް ވެސް އެ ފަޅުވެރިން ބުނެއެވެ.
ދޯނީގެ ކެޕްޓަނަށް ދޯނި ދުއްވުމަށް އަމުރު ކުރި އިރު، 3 މީހަކު ދޯނީގެ ވީލްހައުސް ތެރޭގައި ކެޕްޓަންގެ ފުރަގަހުގައި ވަޅި ހިފައިގެން ތިބި ކަމަށް ފަޅުވެރިން ބުނެއެވެ.
ފަޅުވެރިން ބުނީ، މި ހަދިސާ ހިނގާ ދިޔަ ވަގުތު އެހީއަށް އެދި އެއްވެސް ފަރާތަކަށް ގުޅާނެ ފުރުސަތު ނުލިބޭ ކަމަށެވެ. އަދި ދޯނި ނަގިލި ނެގުމަށް ފަހު ސްޓާޓްކޮށް ދުއްވަން ފެށުމުން ދޯނީގައި ކާން ހުރީ ކޯއްޗެއްތޯ އަހާ އެތަކެތި ދިނުމަށް އަމުރު ކުރަމުން ދިޔަ ވަގުތު، ފަޅުވެރިއަކު ފާހާނައަށް ދާން ޖެހިއްޖެ ކަމަށް ބުނެ ފާހާނައަށް ވަދެ ސ. މީދޫ ޕޮލިސް ސްޓޭޝަނަށް ގުޅާ މައުލޫމާތު ހިއްސާ ކުރި ކަމަށް ފަޅުވެރިން ބުނެއެވެ.
ފުލުހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުނު
ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް އެރޭ ދަންވަރު 3 ހާއިރު ވެއްދި އިރު، ދޯނި ބަނދަރަށް ވަނުމުގެ ކުރިން ރަހީނު ކުރަން ދޯންޏަށް އެރި މީހުން ގެންދިޔަ ބައެއް ސާމާނު ކަނޑަށް އުކާލާފައި ވާ ކަމަށް ފަޅުވެރިން ބުނެއެވެ. އެމީހުން ބުނީ، ދޯނި ލ. ގަމު ބަނދަރަށް ކައިރި ކުރި އިރު ބަނދަރުގައި ތިބި ފުލުހުން ވަނީ ދޯންޏަށް އެރިި 27 މީހުންގެ ނަން ނޯޓު ކުރުމަށް ފަހު ފޮނުވާލާފައި ކަމަށެވެ. އަދި އެއަށް ފަހު ދޯންޏަށް އަރާ، މައުލޫމާތު އޮޅުން ފިލުވައި، ދޯނި ރަހީނު ކުރުމަށް ދިޔަ މީހުން ދޯންޏަށް އެރުވި ދަނގަޑާއި ތޫނު އެއްޗެހިތައް ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ ކަމަށް ފަޅުވެރިން މައުލޫމާތު ދެއެވެ.
ފުލުހުންނާ ހަވާލާދީ ފަޅުވެރިން ބުނީ ހާދިސާގެ ތަހުގީގު ފެށޭނީ ތަންތަން ހުޅުވުމުން ހެނދުނު 8 ގެ ފަހުން ކަމަށެވެ. އެހެން ކަމުން މިހާދިސާގެ ތަހުގީގަށް ހެނދުނު 9 ޖެހި އިރު ދޯނީގެ ކެޕްޓަނާއެކު ޖުމްލަ 5 ފަޅުވެރިއެއްގެ ބަޔާން ނެގި ކަމަށް އެ ފަޅުވެރިން ބުނެއެވެ. ބަޔާން ނެގުމަށް ފަހު ދޯނި ފުރައިގެން ދިއުމަށް ގަމު ޕޮލިސް ސްޓޭޝަނުން ކެޕްޓަނަށް ފޯނުން އެންގި ނަމަވެސް ދޯންޏާއެކު ފުރައިގެން ދެވޭނެ މާހައުލެއް ނެތްކަމަށް ކެޕްޓަން ވަނީ ފުލުހުން ގާތު ބުނެފައެވެ.
ދޯނި ގަމު ބަނދަރަށް ކައިރި ކުރި ހިނދުން ފެށިގެން ދޯނި ކައިރީ ދޯނީގެ ވެރިފަރާތުގެ މީހުން ހަރަކާތްތެރި ވަމުން ދިޔަ އިރު، ދޯނި ދޫކޮށް ފޭބުމަށް އޭރުވެސް އެމީހުން އަންގަމުން ދިޔަ ކަމަށް ފަޅުވެރިން ބުނެއެވެ. އަދި ހަވީރު 5 ގެ ކުރިން ދޯނިން ނުފާބައިނަމަ "ކޮށާލާނެ" ކަމަށް ބުނެ އިންޒާރު ދެމުން ދިޔައިރުވެސް ފުލުހުން އެތަނުގައި ތިބި ކަން ފަޅުވެރިން ފާހަގަ ކުރެއެވެ. ފަޅުވެރިން ބުނީ، އެމީހުންނަށް ރައްކާތެރި މާހައުލެއް ނެތުމުން އެހީއަށް ފުލުހުން ގާތު އެދުނު ކަމަށެވެ. އެގޮތުން ފުރައިގެން ރަށައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަޅުވެރިން ފައިސާ ދޭ ގޮތަށް އުނޅަދެއް ހޯދައި ދިނުމަށް ފުލުހުން ގާތު އެދުނު ނަމަވެސް އެކަން ފުލުހުން ކޮށްދީފައި ނުވާ ކަމަށް އެމީހުން ބުނެއެވެ.
އެންމެ ފަހުން އެހީތެރިވީ "ފަހިމަގު" ދޯނިން
ގޮތް ހުސްވެފައިވާ ފަޅުވެރިންނަށް އެއްވެސް ފަރާތަކުން އެހީއެއް ނުލިބި ހާލުގައި ތިއްބާ ލ. ގަމު ދޯންޏެއް ކަމަށްވާ "ފަހިމަގު" ގެ ކެޕްޓަނާ ދިމާވެ، އެ ދޯނިން ލ. ހިތަދުއަށް ގެންގޮސް ދިނުމަށް ފަޅުވެރިން އެދުމުން "ފަހިމަގު" ދޯނިން އެއްވެސް އުޖޫރައެއް ނެތި އެކަން ކޮށްދީފައިވާ ކަން ފަސްކުރި ދޯނީގެ ފަޅުވެރިން ފާހަގަ ކުރެއެވެ. މިއީ ރަހީނު ކުރި ހާދިސާއަށް ފަހު ފަޅުވެރިންނަށް ލިބުނު އެންމެ ބޮޑު އެހީތެރި ކަމަށް ވުމާއެކު ދޯނީގެ އެންމެހާ ފަޅުވެރިންގެ ހިތުގެ ފުންމިނުން "ފަހިމަގު" ދޯނީގެ ވެރިޔާ އަދި ކެޕްޓަނަށް ޝުކުރު އަދާ ކުރާ ކަމަށް ބުނެއެވެ.
ހަމައެއާއެކު، "ފަހިމަގު" ދޯނީގެ ކެޕްޓަން ވަނީ ފަޅުވެރިން ލ. ހިތަދުއަށް ގެންގޮސްދީ، އެރަށުގައި ތިބި އޭނާގެ ރައްޓެހި، ރަހުމަތްތެރިންނަށް ގުޅައި ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އޭނާ ފުރައިގެން ދިޔައީ ފަޅުވެރިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބުނުކަން ޔަގީން ކުރުމަށް ފަހު ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.