މި މަހުގެ 15 އިން 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 10،000 އިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު މިދިޔަ ޖުލައިމަހު ހުޅުވާލި ފަހުން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައިސްފައި ވަނީ ޖުމްލަ 37468 ފަތުރުވެރިން ކަމަށެވެ.

އެގޮތުން ޖުލައި މަހު ރާއްޖެއަށް އައިސްފައި ވަނީ 1752 ފަތުރުވެރިންނެވެ. އޮގަސްޓުމަހު ރާއްޖެއަށް 7628 ފަތުރުވެރިން އައިސްފައި ވާއިރު، ސެޕްޓެމްބަރު މަހު ރާއްޖެއަށް އައިސްފައި ވަނީ 9538 ފަތުރުވެރިންނެވެ.

މި މަހުގެ ތަފާސްހިސާބު ތަކަށް ބަލާއިރު، މިހާތަނަށް 18601 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވާއިރު ފުރަތަމަ 15 ގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 8000 ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ މިދިޔަ މަހާ އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ.

ބޯޑަރުތައް ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ރަޝިއާއިންނެވެ. ޖުމްލަ 7507 ފަތުރުވެރިން އެ ގައުމުން ޒިޔާރަތް ކޮށްފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ ޔޫއޭއީއިންނެވެ. އެގައުމުން ރާއްޖެއަށް 3479 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ އެމެރިކާއިން ކަމަށް ވާއިރު، ޖުމްލަ 3056 ފަތުރުވެރިން ވަނީ އެ ގައުމުން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިއަހަރުގެ މިހާތަކަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 420315 އެވެ.