މި އުންމަތުގެ ރަސޫލާއަށް އިހުތިރާމް ކުޑަވާގޮތަށް ކާޓޫނު ކުރަހާ ހެދުމަށް ފްރާންސުގައި ހިތްވަރުދޭ މައްސަލައިގައި އުފެދެމުން އަންނަ ނުތަނަވަސްކަމާއެކު، ފްރާންސްގެ އުފެއްދުން ބޮއިކޮޓް ކުރަން ރާއްޖޭގެ 34 ޖަމިއްޔާއަކުންވެސް ގޮވާލައިފިއެވެ.
ރާއްޖޭގެ މަދަނީ 34 ޖަމިއްޔާއަކު ނެރުނު ބަޔާނުގައި ބުނީ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ނާތަހުޒީބު އެ އަމަލު ކުށްވެރިކުރުމަށް އަވަސްވެ ގަންނަން ޖެހޭ ކަމަށާއި، އެގައުމުން އެ އަމަލުތައް ހުއްޓާލައި މުސްލިމުންގެ ކިބައިން މާފަށް އެދެންދެން އެމީހުންނާ އެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި އެގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
ރަސޫލާއަށް ފުަރއްސާރަ ކުރުން ފަދަ ކޮންމެ ކަމަކީ ހައްދުފަހަނައަޅާފައިވާ ކާފަރުން، ޑިމްކޮރެސީ އާއި އިންސާނީ ހައްގުގެ ނަމުގައާއި މިނިވަން ކަމުގެ ނަމުގައި ފަތުރާ ޝިއާރުތަކުގެ އަނެއް ފަރާތުގައި ވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ މުސްލިމުންގެ ދީން ކަމުގައިވާ އިސްލާމްދީނުގައި އެންމެ ފަރުދަކު ދުނިޔޭގައި ހުއްޓަސް މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމަށް ކާފަރުންނަށް ފުރުސަތު ނުދިނުމަށާއި ކޮންމެ މުސްލިމަކީ އެކަލޭގެފާނުގެ ލަޝްކަރުގެ"ހީރޯ" އެއް ކަން ކަށަވަރު ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ފުރާންސުން ރަސޫލާއަށް އިހުތިރާމް ކުޑަކޮށް ހިންގާ އަމަލުތަކާ ގުޅިގެން، ދިވެހި ސަރުކާރުން ބުނީ އިސްލާމް ދީނުގެ އަސާސްތަކުގެ މަތީގައި ޑިމޮކްރަޓިކް މުޖުތަމައެއް ބިނާ ކުރަމުން އަންނަ މި ރާއްޖެއަކީ، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ އަސާސީ އިންސާނީ ހައްގެއްގެ ގޮތުގައި ބަލައިގަންނަ ގައުމެއް ކަމަށާ، ރާއްޖެއަކީ އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅާ ދިއުން ބަލައިގަންނާނެ ގައުމެއް ނޫން ކަމަށެވެ. އެއީ ދީނުގެ ނަމުގައި ކުރާ ކަމެއް ނުވަތަ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި ކުރާ ކަމެއް ކަމުގައި ވީ ނަމަވެސް، ހައްދު ފަހަނައަޅާ ދިއުމަކީ ރާއްޖެއިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
ޓެރަރިޒަމްގެ ހުރިހާ އަމަލެއް ދިވެހިރާއްޖެއިން ކުށްވެރި ކުރާ ކަމަށާ، ޓެރަރިޒަމްއާ، ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރާ ހުރިހާ ހަނގުރާމައަކަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައި ވެއެވެ. އިސްލާމް ދީނާއި ޓެރަރިޒަމް ނުވަތަ ނުރައްކާތެރި އިމުގައި ހައްދުފަހަނައަޅާ ދިއުމާ ގުޅުވަން ކުރާ މަސައްކަތަކީ، އޭގެ އަސާސަށް ބަލާއިރުވެސް ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާ، އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.