މާތްވެގެންވާ އިސްލާމް ދީނާއި ކީރިތި ނަބިއްޔާ މުހައްމަދު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ﷲ ގެ ހަޒްރަތު ގައި ހަމައެކަނި ގާބޫލު ކުރައްވާ ދީނަކީ، މާތްވެގެންވާ އިސްލާމްދީން ކަމަށާއި އެ ދީނަށް ތަބާވާ މީހުންނަކީ ނަސީބުވެރިން ކަމަށެވެ.

އެގޮތުން ދުނިޔޭގެ ތާރީހު ލިޔާ މުއައްރިހުން ފާހަގަ ކުރާ ގޮތުގައި، އިންސާނުން އަހްލާގީ ގޮތުންނާއި، ދީނީ ގޮތުން އެންމެ ދަށުދަރަޖަ އަކަށް ވެއްޓިފައި ވީ ދުވަސްވަރަކީ، މީލާދީ ގޮތުން ފަސްސަތޭކައިގެ އަހަރުތައް ކަމަށާއި އެދުވަސްވަރުގެ މުޖުތަމައު ތަކުގައި އަރައި ނުގަންނަ ފާފައެއް ނެތް ކަމަށެވެ. އަދި ނުކުރާ ހަޑިމުޑުދާރު އަމަލެއް ނެތް ކަމަށާއި އަޅުކަން ކުރަން ވާ އިލާހުގެ ހަގީގީ މައުރިފާވެރިކަންވެސް، އެ ދުވަސްވަރި ގެއްލި އުވި ގޮސްފައިވާ ކަމަށެވެ.

އަޅުކަން ކުރަނީ އަމިއްލަ އަތްތަކުން ކޮށާމަށައިގެން އަމިއްލައަށް އުފައްދާ ބުދުތަކަށް. ގަސްގަހާގެއްސަށާއި، ކޯރަށާއި، އަލިފާނަށް، މިފަދަ ދަށުދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައި ވަނިކޮށް، ކޯފާގެ ފުންއަނދަވަޅުން ސަލާމަތް ކުރެއްވުމަށްޓަކައި މާތް ﷲ އިހްތިޔާރު ކުރައްވައި، ފޮނުއްވި ބޭކަލަކީ ކީރިތި ރަސޫލާ
ހުތުބާ

އެތައް ސަބަބަކަށްޓަކައި މާތް ނަބިއްޔާ ދެކެ ލޯބި ނުވެ، އީމާންކަން ފުރިހަމަ ނުވާނެ ކަމަށާއި މުސްލިމުންގެ ހިތްތައް ދިރިގެން ވަނީ އެކަލޭގެފާނު ދެކެ ލޯބިވުމާއި އެ ކަލޭގެފާނު މަތިވެރި ކުރުމުގައި ކަމަށް ވެސް ހުތިބާގައި ބުނެފައި ވެއެވެ.

އެއީ ފަނޑުވުމެއް ނެތް މަތިވެރި ލޯތްބެއް ކަމަށާއި އެބައިމީހުންގެ ލޭގައި ހިނގާ ތާޒާ މުގައްދަސް ލޯތްބެއް ކަމުން އެކަލޭގެފާނުގެ މަގާމުގެ ކަރާމަތަށް އުނިކަމެއް ލިބޭފަދަ ކޮންމެ އަމަލަކީ، މުސްލިމުންނަށް ބަރުދާސްތު ނުކުރެވޭހާ ފުން އަސަރުތަކެއް ކުރުވާނޭ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

އެމީހެއްގެ ބައްޕަ އާއި، ދަރި އާއި، އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް، ތިމަންކަލޭގެފާނަކީ އެމީހެއްގެ ގާތުގައި ލޮބުވެތިކަން އެންމެ ބޮޑުވެގެންވާ ފަރާތްކަމުގައިވެއްޖައުމަށް ދާނދެން، ތިޔަބައި މީހުންކުރެ އެކަކުވެސް، އީމާންވި ކަމުގައި ނުވެއެވެ.
ބުޚާރީ އާއި މުސްލިމު

މާތް ނަބިއްޔާ ﷲ ގެ އަދުލުވެރިކަމާއި، އޯގާވެރިކަމާއި، މާތްކަމާއި، އެކަލޭގެފާނު ގެނެސް ދެއްވި ހަބަރުތަކުގެ ތެދުކަމުގެ މައްޗަށް މިތުރުންނާއި، ހަތުރުން ހެކިވާނެ ކަމަށާއި އެކަލޭގެފާނަށް އީމާންވާ، އެކަލޭގެފާނު ދެކެ ލޯބިވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށަވެސް ހުތުބާގައި ވެއެވެ.

އަދި ގިޔާމަތާ ޖެހެންދެން އެކަލޭގެފާނުގެ ޒިކުރާ އާވެ، އާލާވޭވެ ހުންނާނެ ކަމަށާއި ﷲ ގެ ރަހްމަތްފުޅުން ކޮންމެ ދުވަހަކު ފަސްފަހަރު މިދީބުގެ މިސްކިތްތަކުގެ ތާޅަފިލިތަކުން ޝަހާދަތުގެ ދެކަލިމައިން މުޅި ދިވެހި ފަޒާ ގުގުމާލެވެމުން ދާނެ ކަމަށްވެސް ހުތުބަގައި ބުނެފައި ވެއެވެ.

ނަބީބޭކަލުންނަށް ފުރައްސާރަ ކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ އާ ކަމެއް ނޫން ކަމަށާއި މީސްތަކުންގެ ގާތަށް މާތް ﷲ ފޮނުއްވި ކޮންމެ ރަސޫލަކަށާއި ނަބީ ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކު އުޅުނު ކަމަށާއި އެގޮތުން ކީރިރި ރަސޫލާއަށްވެސް ފުރައްސަރާއާ ކުރިމަތިވެ ވަޑައިގެންނެވިކަމަށެވެ.

ނަމަބެސް އިސްލާމް ދީނާއި ކީރިތި ރަސޫލާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖީބެއް ކަމަށް ހުތުބާގައި ވެއެވެ. އެގޮތުން ކޮންމެ މީހަކަށްވެސް ކުޅަދާނަ ވީ ވަރަކުން ދީން ހިމާޔަތް ކޮށް ކީރިތި ރަސޫލާ ދިފާއުކުރަން ހުތުބާގައި ގޮވާލާފައި ވެއެވެ.

މާތް ނަބިއްޔާ އަށް ލޯބިކުރުމުގެ އެންމެ މުހިއްމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމެވެ. އެކަލޭގެފާނުގެ މަތިވެރި ސީރަތުން، އިބުރަތް ލިބިގަތުމެވެ. އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެތި އަހްލާގީ މިންގަނޑުތަކަށް ތަބާވުމެވެ. ތެދުބަސް ބުނުމާއި، ކެތްތެރިވުމާއި، އަދުލުވެރިވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކުރުމާއި، މަޑުމޮޅިވުމާއި، މިނޫން ވެސް އެކަލޭގެފާނު ގެނެސް ދެއްވި އަހްލާގީ އެންމެހައި ސިފަތަކުން ޒީނަތްތެރިވުން ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.