ދޯންޏެއް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު އެއްޗެއްސާ އެކު މަސް ދޯންޏަކަށް ބަޔަކު އެރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.
ފުލުހުން ބުނީ، ތޫނު އެއްޗިއްސާއެކު މަސް ދޯންނަޔަކަށް ބަޔަކު އެރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭއްސުރެ މިއަދު މެންދުރާ ހަމައަށް އެކަނި ވެސް 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދޯންނަށް މީހުން އަރާފައި ވަނީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮއްވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން 9 މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިހާރު ފުލުހުންގެ ހައްޔަރުގައި 7 މީހަކު އެބަތިއްބެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ފުލުހުން ބުނެފައި ވަނީ މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މައުލޫމާތު ސާފު ކުރި ކުރުމުން އެ ދޯނި ލ. ގަމު ތުނޑިއަށް ކައިރި ކުރަން އެންގި ކަމަށެވެ. ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަން ފާހަގަވި ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗެއްސާ އެކު ގްރޫޕަކުން އަރާފައި ވަނީ ސ. ހިތަދޫގައި ދުއްވާ 'ފަސްކުރި' ނަަމަކަށް ކިޔާ ދޯންޏަށެވެ. ދޯންޏަށް އެރި މީހުންގެ ސީދާ އަދަދު ސާފު ނުވި ނަމަވެސް 30 ވަރަކަށް މީހުން އެެކި ހަތިޔާރާ އެކު ދޯންޏަށް އަރާފައި ވާ ކަމަށް އެ ދޯންޏާ ހަވާލާދީ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.