"#ބޮއިކޮޓް ފްރާންސް ޕްރޮޑަކްޓްސް"، މިއީ މިހާރަކަށް އައިސް ސޯޝަލް މީޑިއާއިން ވަރަށް ގިނައިން ފެންނަ ހޭޝްޓެގެކެވެ. އާންމު ގޮތެއްގައި މިފަދަ ހޭޝްޓެގްތައް ހަދާ ވަކި ތަނެއް، ވަކި ގައުމެއް، ވަކި އެއްޗެއް ނުވަތަ ވަކި މީހަކު ބޮއިކޮޓް ކުރުމަށް ގޮވާލަނީ ބަޔަކު ނުރުހޭ ކަމެއް ދިމާވުމުންނެވެ. މި ހޭޝްޓެގްގެ ފަހަތުގައި ވެސް މިފަދަ ކޮންމެވެސް ވާހަކައެއް ވެއެވެ.

ބޮއިކޮޓް ފްރާންސް ޕްރޮޑަކްޓްސް ނުވަތަ ފްރާންސުގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ފަށާފައި މިވާ ކެމްޕޭނުގެ ފަހަތުގައި ވަނީ އިސްލާމް ދީނަށް ދިވެހިންގެ ހިތްތަކުގައިވާ ލޯތްބެވެ. ފްރާންސުގައި އިސްލާމް ދީނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ކުރަހަމުންދާ "ކާޓޫން" ތަކާ ދިވެހިން ވެސް ދެކޮޅު ކަން އަންގާ ދިނުމަށެވެ.

މި ކެމްޕޭނަށް ބާރުލިބި، އެތައް ބައެއްގެ ސަމާލުކަން ހޯދީ، މި ޢުއްމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކޮށް އެގައުމުގައި ކުރަހަމުންދާ ކާޓޫންތައް ބޭނުންކުރުން ނުހުއްޓާނެ ކަމަށް، ފްރާންސްގެ ރައީސް އިމެނުއަލް މެކަގޯން ދެއްވި އިންޒާރާއެކުއެވެ. މެކަގޯންގެ މި އިންޒާރާ ގުޅިފައި ވަނީ އެ ގައުމުގައި މިފަހަކަށް އައިސް ހިންގާފައިވާ މަރުގެ ހާދިސާއަކާއެވެ.

ފަރަންސޭސި ރައީސް އިމެނުއަލް މެކަގޯން މާސްކު ތުރުކުރައްވައިގެން/ފޮޓޯ: އޭއެފްޕީ

ފްރާންސުން މުސްލިމުންނާމެދު ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހުނު "މަރު"

މުސްލިމުންނާ މެދު ފްރާންސުން ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ނަމުގައި ބަހުސް ކުރުމަށް ކަމަށް ބުނެ ދަރިވަރުންނަށް ކާޓޫންތައް ދެއްކި ހިސްޓްރީ ޓީޗަރަކަށް އަމާޒުވި ހަމަލާއާ ގުޅިގެންނެވެ. ހިސްޓްރީ ޓީޗަރަށް ހަމަލާދީ މަރާލަފައި ވަނީ، އޭނާގެ ބޯ ބުރިކޮށްލައިގެންނެވެ.

ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކޮށް ކާޓޫން ދެއްކި ޓީޗަރުގެ މަރުގެ ފަހަތުގައި ވަނީ ޗެޗްނިޔާއަށް ނިސްބަތްވާ 18 އަހަރުގެ ޢަބްދުﷲ އަންޒަރޯފް ކަމަށް މައުލޫމާތު ލިބޭއިރު، ފްރާންސުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ ގަޔަށް ބަޑި ޖަހާ މަރާލާފައެވެ. އެ ޓީޗަރު ދެނެގަތުމަށް އަންޒަރޯފް އިތުރު ދަރިވަރުންތަކަކަށް ފައިސާ ދީ، ތީޗަރުދެނެގަތުމަށް 350-415 އެއްހާ ޑޮލަރު ޚަރަދު ކޮށްފައި ވާ ކަމަށް ފަރަންސޭސި ޕްރޮސެކިއުޓަރުން ބުނެއެވެ. ކަން މިހެން އޮތްއިރު، ފަރަންސޭސި ޕްރޮސެކިއުޓަރުން ދަނީ، ޓީޗަރު ދެނެގަތުމަށް ޗެޗްނިޔާ ކުއްޖާއަށް އެހީތެރިވި 2 ދަރިވަރުންނާ ދެކޮޅަށްވެސް ދައުވާ ކުރަމުންނެވެ.

މި މައްސަލާގައި ފްރާންސުގެ ސަރުކާރުން ވަނީ މުސްލިމުންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިސްކިތްތައް ބަންދު ކުރުމާއި، ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތައް އާންމުކޮށް ފެންނާނެހެން ސަރުކާރު އޮފީސްތަކުގެ ސްކްރީނުގައި ޑިސްޕްލޭ ކުރުން ފަދަ ކަންތައްތައް ފްރާންސުން ދަނީ ކުރަމުންނެވެ.

އިސްލާމީ ގައުމުތަކުން ދަނީ "ކާޓޫން" ކުރެހުން ކުށްވެރިކުރަމުން

ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ އިސްލާމީ ގައުމުތަކުން ވަނީ މިކަން ކުށްވެރިކޮށްފައެވެ. އެގޮތުން، "ކާޓޫންތަކަށް" ފްރާންސުގެ ރައީސް ތާއީދު ކުރަމުންދާ ކުރުމަކީ، "ބޯކޮސް" އަމަލެއް ކަމަށާ، މިފަދަ މުރުތައްދު ކާޓޫންތަކަށް ތާއީދު ކުރުމަކީ އޭނާއަށް ވޯޓު ދިން މީހުންނަށް ކުރި ފުރައްސާރައެއް ކަމަށް ވިދާޅުވެ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީ ވަނީ ވިދާޅުވެފައެވެ.

އަދި ސައުދީ އަރަބިއްޔާގެ ހާރިޖިއްޔާ އިން އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި ސަގާފަތަކީ، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާ، އަނެއް ބަޔަކު ބަލައިގަތުމާ، ސުލްހައިގެ ދަންމަރަށް ވާންޖެހޭ ކަމަށެވެ. މިއާ ހިލާފަށް ނަފުރަތު އުފައްދަނިވި ހަރަކާތް ހިންގުމާ، ހަމަނުޖެހުން ހިންގުމާ، ހައްދު ފަހަނަ އަޅާ ދިއުމަކީ ދެބަޔަކު އެކުއެކީގާ އުޅުމަށް އޮތް ހުރަހަކަށް ވާއިރު، ސައުދީއިން އެފަދަ ކަންކަމާ ދެކޮޅު ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަަދު ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު / ފޮޓޯ: ރައީސް އޮފީސް

މިކަމުގައި ރާއްޖެއިން ނެރުނު ބަޔާނުގައި ބުނީ، އިސްލާމް ދީނުގެ އަސާސްތަކުގެ މަތީގައި ޑިމޮކްރަޓިކް މުޖުތަމައެއް ބިނާ ކުރަމުން އަންނަ މި ރާއްޖެއަކީ، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ އަސާސީ އިންސާނީ ހައްގެއްގެ ގޮތުގައި ބަލައިގަންނަ ގައުމެއް ކަމަށާ، ރާއްޖެއަކީ އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅާ ދިއުން ބަލައިގަންނާނެ ގައުމެއް ނޫން ކަމަށެވެ. އެއީ ދީނުގެ ނަމުގައި ކުރާ ކަމެއް ނުވަތަ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި ކުރާ ކަމެއް ކަމުގައި ވީ ނަމަވެސް، ހައްދު ފަހަނައަޅާ ދިއުމަކީ ރާއްޖެއިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

ޓެރަރިޒަމްގެ ހުރިހާ އަމަލެއް ދިވެހިރާއްޖެއިން ކުށްވެރި ކުރާ ކަމަށާ، ޓެރަރިޒަމްއާ، ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރާ ހުރިހާ ހަނގުރާމައަކަށް ދިވެހިރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ. އިސްލާމް ދީނާއި ޓެރަރިޒަމް ނުވަތަ ނުރައްކާތެރި އިމުގައި ހައްދުފަހަނައަޅާ ދިއުމާ ގުޅުވަން ކުރާ މަސައްކަތަކީ، އޭގެ އަސާސަށް ބަލާއިރުވެސް ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާ، އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

މި ފުރައްސާރައަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން!

ސޯޝަލް މީޑިއާއަށް ބަލަލި ކަމުގައިވީ ނަމަވެސް ފެނިގެން ދަނީ ފްރާންސުގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލަން ގޮވާލާ ގޮވާލުންތަކެވެ. އަދި އިސްލާމް ދީނަށް ކުރާ ފުރައްސާރަ އަކީ ބަލައިގަނެވޭނެ ފުރައްސާރައެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ހިޔާލު ފާޅު ކުރަމުންދާއިރު، ބައެއް ވިޔަފާރިތަކުން ވެސް ދަނީ މި އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލުމަށް ނިންމާފައެވެ.

އިސްލާމް ދީނުގެ ދެކެވާ ލޯބި ދިވެހިންގެ ފާޑުކިއުންތަކުގެ ސަބަބުން ވެސް ދަނީ ހާމަވަމުންނެވެ. އެގޮތުން، ފްރާންސުގައި ހިނގާ ކަންތައްތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަޔާން ނެރުމުގެ ކުރިން، ސަރުކާރަށް ވެސް ވަނީ ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރާއިރު އެންމެ ޗުޕެއް ވެސް ބުނެނުލާތީއެވެ. މީޑިއާތަކުން މި ކަމާ ގުޅުން ހުރި ހަބަރުތައް ގެނެސްދޭލެއް މަދުވެގެން ވެސް ބައެއް ފަރާތްތަކުގެ ފާޑުކިއުން މީޑިއާތަކަށް ވެސް އަމާޒުވިއެވެ.

މީގެ އިތުރުން ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފްރާންސުން ފުރައްސާރަކޮށްފައިވާތީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލާ 34 ޖަމްއިއްޔާއަކުން ވެސް ވަނީ ބަޔާން ނެރެފައެވެ. 34 ޖަމްއިއްޔާއަކުން ގުޅިގެން ނެރެފައިވާ މި ބަޔާނުގައި ވަނީ ފްރާންސް ސަރުކާރުގެ ނާތަހުޒީބު އަމަލުތައް ކުށްވެރިކޮށް، މިފަދަ ކަންކަން މުސްލިމް މުޖުތަމައަށް ވެރިވުމުގެ ކުރިން އެކަމަށް ހޭލުންތެރިވެ ހުޝިޔާރުވުމަށް ގޮވާލާފައެވެ. އަދި އެގައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެގައުމުން އެ އަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މައާފަށް އެދެންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.