ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ގޫގުލްއިން ކުރިއަށްގެންދާ "ލޫން ޕްރޮޖެކްޓް"ގެ ބެލޫންއެއް ރާއްޖެ ސަރަޙައްދަށް ވެއްޓުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

ލޫން ޕްރޮޖެކްޓްގެ ގޫގްލް އިންޓަނެޓް ބެލޫނެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވެއްޓުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފައި ވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީންނެވެ. އެމްއެންޑީއެފުން ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން މި މައުލޫމާތު މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަށް ދީފައިވަނީ މިއަދު ހެނދުނު 10:08 ހާއިރު ކަމަށެވެ.

މި ބެލޫން ވެއްޓިފައި ވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ބެލޫން ވެއްޓުނު ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބެލޫން ވެއްޓުނު ސަރަހައްދަށް ގޮސް އެ ބެލޫން ވަނީ ހޯދާފައެވެ. އަދި ރާއްޖޭގައި ހުންނަ ގޫގްލް ޕްރޮޖެކްޓް ޓީމާ، މިއަދު 11:50 ހާއިރު އެ ބެލޫން ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގޫގޫލް ލޫން ޕްރޮޖެކްޓްގެ ބެލޫނެއް ރާއްޖެއަށް ވެއްޓުނު ސަރަހައްދު / ފޮޓޯ: އެމްއެންޑީއެފް

ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއާއި ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން އޮޕަރޭޝަނެއް ކޯޑިނޭޓްކޮށް ކުރިއަށްގެންގޮސްފައިވެއެވެ. ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާއިރު، އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެފައި ވެސް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.