ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް 9.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ދައުލަތުގެ ބަޖެޓް ޑެފިސިޓް 9.7 ބިލިއަނަށް އަރާފައި ވާއިރު، މިއަހަރަ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަށް ލިބިފައި ވަނީ 11 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 8.4 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ހޯދި ފައިސާއެެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި، 2.1 ބިލިއަން ރުފިޔާ ހޯދާފައި ވާއިރު، އޭގެ ތެރޭގައި ޖޫރިމަނާ ކޮށްގެން ހޯދި 107.8 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 17.7 މިލިއަން ރުފިޔާ ވެސް މިއަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ ތެރޭގައި ހިމެނެއެވެ.

މި އާމްދަނީ އިން، ވަނީ ސަބްސިޑަރީ ލޯނު ދެއްކުމަށް 69.6 މިލިއަން ރުފިޔާގެ ލުޔެއް ދީފައެވެ. އެހެންކަމުން އެ އަދަދު އާމްދަނީގެ ގޮތުގައި ނުބަލައެވެ.

މިއަހަރު ޕެންޝަނާއި، މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިދާރީ ހަރަދުތަކަށް 6.5 ބިލިއަން ރުފިޔާ އަދި ގެއްލުމުގެ ގޮތުގައި ނުވަތަ އަނބުރާ ނުލިބޭނެ ފައިސާގެ ގޮތުގައި 92.9 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މުދަލާއި، އިމާރާތްތައް އަދި ތަރައްގީގެ މަޝްރޫއުތައް ފަދަ ކަންކަމަށް ޖުމްލަ 6.4 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، ލޯނުގެ ގޮތުގައިި 1 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އާމްދަނީއަށް 11 ބިލިއަން ލިބުނުއިރު، 20.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ ބަޖެޑް ޑެފިސިޓްގެ ގޮތުގައި 9.7 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފްތާ (އޮކްޓޯބަރު 18 އިން 22 އަށް)ގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އެއްކޮށް ހަރަދުކޮށްފައިވާއިރު، މިދިޔަ ހަފްތާގައި ދައުލަތަށް ފައިދާއެއް ވެސް ގެއްލުމެއް ވެސް ނުކުރެއެވެ.