ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމުކުރުމުގެ މަޝްރޫއު، ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާ ހަވާލުކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތް ތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސެވެ.

ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއް ކަމުގައި ވީނަމަވެސް، މި ސިސްޓަމް ގާއިމް ކުރެވިގެން ދިޔުމާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައި ވީނަމަވެސް ފަސޭހަ ކަމާ އެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެން ދާނެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައް ދޭ ފަރާތް ތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމައަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.

މި ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތް ކަމުގައިވާ ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން ސްވިޑަންގައި 'ސްވިޝް'ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމު ކުރުމާ އެކު، ފިންލެންޑްގައި ފުރަތަމަ ގާއިމު ކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައި ވަނީ ޓިއޭޓޯއެވްރީ އިންނެވެ. މީގެ އިތުރުން، ޓިއޭޓޯއެވްރީ އިން ވަނީ ކެންޔާގައިވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފާ ސޮލިއުޝަނެއް ގާއިމު ކޮށްދީފައެވެ.

ޓިއޭޓޯއެވްރީއާއެކު ކުރެވޭ މަސައްކަތްތަކުގެ އެހީގައި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ލިބިގެންދާނެ.
ގަވަރުނަރު ހާޝިމް

މިކަމާ ގުޅޭގޮތުން އެމްއެެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައި ވާ ގައުމުތަކާ އެއް ހަމައެއްގައި ގާއިމު ކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ، ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާ ބައިވެރި ވުމަކީ ލިބޭނެ ކުރިއެރުމެއް ކަމުގައެވެ.

ޓިއޭޓޯއެވްރީ އިން ފާހަގަ ކުރާ ގޮތުގައި މި ސިސްޓަމަކީ، ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ޕޭމަންޓް ދާއިރާއަށް އަންނަމުން ދާ ބަދަލުތަކާ އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބިފައިވާ ގޮތަށް ފަރުމާ ކުރެވިފައިވާ ސިސްޓަމެކެވެ.

މި ފަދަ އިންފްރާސްޓްރަކްޗާއެއްގެ ސަބަބުން ވަގުތުން ވަގުތަށް މާލީ މުއާމަލާތްތައް ހިންގުމަށް މަގުފަހިވުމާއިއެކު، އާ އީޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި، ފައިނޭންޝަލް އިންކްލޫޝަން އިތުރުކުރުމުގައިވެސް ފަސޭހަ މަގުތަކެއް ހުޅުވިގެންދާނެ
ޓިއޭޓޯއެވްރީގެ ހެޑް އޮފް ޕޭމަންޓްސް، އިލްކާ ކޮރްކިއަކޮސްކީ

އެމްއެމްއޭއިން ބުނީ މިއީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ރާއްޖޭގެ މާލީ މުއާމަލާތް ތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް މި ދާއިރާއިން ހުޅުވިގެން ދާނެ ކަމަށެވެ. މި ސިސްޓަމްގެ ބޭނުން ކުރެވެން ފަށާނީ އަންނަ އަހަރު ފަހުކޮޅު ކަމަށް އެމްއެމްއޭން ބުނެއެވެ.