ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީބު އިބްރާހިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރުމުން އެ މައްސަލަ އިސްތިއުނާފަށް ލާން ނިންނަމައިފިއެވެ.

ފުލުހުން ބުނީ، ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ޝަހީބް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފަށް ލާން ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޝަހީބް އިބްރާހިމް ދޫކޮށްލާފައި ވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު މިއަދު ކޯޓަށް ހުށަހެޅުމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޝަހީބް އިބްރާހިމް އާއި ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އަށެވެ.

ޝަހީބަކީ ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެކެވެ. އަދި މީހާރު އޭނާ ވަނީ ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން ސަސްޕެންޑު ކޮށްފައެވެ.