ކޮވިޑް ބަލި ފެތުރެން ފެށުމާއެކު މޮނިޓަރިންގެ ހާލަތަށް ލާފައިވާ ހދ. ކުޅުދުއްފުށި މޮނިޓަރިން ހާލަތުން މިއަދު އާންމު ހާލަތަށް ބަދަލުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު އެ ރަށް މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިހާތަނަށް ޓެސްޓުކުރެވުނު 380 ރެންޑަމް ސާމްޕަލްގެ ނަތީޖާ ނެގެޓިވްވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް އެންމެ ފަހުން ބަދަލުކޮށްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މިއީ މިދިޔަ އެއް މަސް ދުވަސް ތެރޭގައި ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށްލީ 3 ވަނަ ފަހަރެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ރ. އުނގޫފާރު އެކަންޏެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،532 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،563 އަށް އަރާފައެވެ. މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްގެ ގޮތުގައި 871 މީހުން ތިބި އިރު މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 23 ރަށެއްގައި އެކްޓިވް ކޭސް އެބަތިއްބެވެ. އަދި 26 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 29 ފަތުރުވެރިންނާއި 83 ރިސޯޓް މުވައްޒަފުންނަކީ މިވަގުތު ރިސޯޓް ތަކުގައި ތިބި އެކްޓިވް ކޭސްތަކެވެ.