މާލޭ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާ ސްކޫލް ބަދަލުކުރުން ފަދަ ކަންކަމަށް ހާއްސަކޮށް އޮންލައިން ޕޯޓަލްއެއް އިފްތިތާހް ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މާލޭ ސަރަހައްދުގައި ހުރި ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި ސްކޫލް ބަދަލުކުރުމަށް ބޭނުންވާ ފޯމް ހުށަހެޅުމަށް ހާއްސަކޮށް ތައްޔާރުކުރި އޮންލައިން ޕޯޓަލް މިއަދު އިފްތިތާހްކޮށްފައިވާ ކަމަށެވެ. އަދި މި ޕޯޓަލްއިން ހުށަހަޅާ ފޯމާ ގުޅޭ ލިޔެކިއުންތައް ވެސް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި ޕޯޓަލް މެދުވެރިކޮށް އަލަށް ފޯމް ހުށަހަޅާ ބެލެނިވެރިޔާގެ މޮބައިލް ނަންބަރު ޖެހުމަށް ފަހު "އައު ފޯމެއް ފައްޓަވާ" އަށް ފިތާލުމުން ބެލެނިވެރިޔާގެ މޮބައިލް ފޯނަށް އޯ.ޓީ.ޕީ ކޯޑެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ އޯ.ޓީ.ޕީ ކޯޑު ފަހުން ބޭނުން ކުރަން ޖެހިދާނެތީ، ޑިލީޓް ނުކުރުމަށް ސަމާލުކަން ދިނުމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މާލޭގައި ހުންނަ ސަރުކާރު ސްކޫލަށް ކުދިން ވައްދާނަމަ ނުވަތަ މާލޭ ސަރަހައްދުގައި ހުންނަ އެހެން ސްކޫލަކަށް ކުދިން ބަދަލު ކުރާނަމަ ކުރިން ޖެހެނީ އެޑިއުކޭޝަން މިނިސްޓްރީއަށް ފޯމް ހުށަހަޅާށެވެ. ނަމަވެސް މިހާރު ޑިޖިޓަލްވެ މިކަން އޮންލައިންކޮށް ކުރެވޭ ގޮތަށް ހަމަޖެއްސުމަކީ އެތައް ބެލެނިވެރިންތަކަކަށް ލިބިގެންދާނެ ފަސޭހައެކެވެ.
މާލޭ ސަރަހައްދުގެ ސްކޫލަކަށް ކުދިން ވައްދަން ނުވަތަ ބަދަލުކުރަން ބޭނުންވާ ނަމަ http://forms.moe.gov.mv މި ލިންކު މެދުވެރިކޮށް ފޯމު ހުށަހަޅޭނެ ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ.