ހއ. ހޯރަފުށީގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު ބަލަން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، މި މައްސަލާގައި އަނިޔާ ލިބިފައިވާ ފަރާތުގެ ސިއްހީ ފަރުވާގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ކުދިންގެ ރައްކާތެރިކަން އެ މިނިސްޓްރީން ކަށަވަރު ކޮށްފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން މިހެން ބުނެފައިވާއިރު، މި މައްސަލަ ފެންމަތިވެފައި ވަނީ ރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގެވެށި އަނިޔާގެ ޝިކާރައަށްވި އަންހެން މީހާގެ ހާލު ސީރިއަސް ވެގެން އޭނާ ވަނީ ރޭގެ ވަގުތެއްގައި އިތުރު ފަރުވާއަށް ހއ. ދިއްދުއަށް ގެންގޮސްފައެވެެ. އަދި އަންހެން މީހާގެ ނިއްކުރީގައި އެއްޗަކުން ޖަހާ އނަިޔާކޮށްފައިވާއިރު، އޭނާގެ ފައިގެ އިނގިލިތައް ވެސް ލިބުނު އަނިޔާތަކުގެ ސަބަބުން ބިނދިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން އޭނާގެ ކަރުގައި ބާރަށް ކިފުމުގެ ސަބަބުން ކަރު ދުޅަވެ، ކާއެއްޗެއް ވެސް ނުކެވޭ ވަރަށް ހާލު ގޯސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފެންމަތިވުމާއެކު ހޯރަފުށީ ރައްޔިތުން ވަނީ އަނިޔާ ލިބުނު މީހާގެ ފިރިމީހާ އުޅޭ ގޭދޮށަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ.
ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެފަިއވާއިރު، ގެވެށި އަނިޔާއާ ގުޅުންހުރި 242 މައްސަލަ މި އަހަރުގެ ތިން ވަނަ ކުއާޓާ (ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު) ގައި ހުށަހަޅާފައިވާ ކަމަށް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ.
ތިން ވަނަ ކުއާޓާގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ އަނިޔާ ލިބުނު މީހުންނަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަންހެނުންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ. އެއީ 115 މައްސަލައެވެ. އަނިޔާ ލިބުނު ފިރިހެނުންގެ އަދަދު އުޅެނީ 35ގައެވެ. އަނިޔާ ލިބުނު ކުޑަކުދިންގެ އަދަދަށް ބަލާއިރު 18 އަހަރުން ދަށުގެ 25 ފިރިހެން ކުދިންގެ މައްސަލަ އަދި 18 އަހަރުން ދަށުގެ 65 އަންހެން ކުދިންގެ މައްސަލަ ވަނީ ހުށަހަޅާފައެވެ.