މެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މާދަމާ ރާއްޖެ ވަޑައިގަންނަވާތީ މާލޭގެ 4 ސަރަހައްދެއް މިއަދު 6:00 އާ ހަމައަށް ބަންދު ކުރި ނަމަވެސް ބްރިޖުން ދަތުރުކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ސަރަހައްދުތައް ބަންދު ކުރިއަސް ސިނަމާލެ ބްރިޖުން ވީއައިޕީ ދަތުރުކުރައްވާ ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި ބްރިޖުގެ އެއް ލޭނުން ދެކޮޅަށް ދަތުރުކުރެވޭނެ ކަމަށެވެ. ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ މަގާ، ސިނަމާލެ ބްރިޖްއާ، ގްރީން ޒޯނާ އަދި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތަކެވެ.
މި ސަރަޙައްދުތައް މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 6:00 އަށް ބަންދުކޮށްފައިވާއިރު، މިސަރަހައްދުތަކުން މި ވަގުތުގައި ދުއްވާ އުޅަނދުތަކާ ހިނގާ މީހުންނަށްވެސް އެ ސަރަޙައްދުތަކަށް ނުވަދެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ޕޮމްޕެއޯގެ ދަތުރުފުޅާ ގުޅިގެން މެންދުރު 1:00 އިން 3:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތައްވެސް ބަންދުވާނެއެވެ. ނަމަވެސް މެންދުރު 3:00 އިން 5:00 އާ ހަމައަށް ވީއައިއޭގެ ޑިޕާޗާ ޖެޓީ ސަރަހައްދުން ފެރީއާއި ބަހުގެ ހިދުމަތް ލިބޭނެއެވެ. އެހެންކަމުން މިވަގުތުތަކުގައި ރާއްޖެއިން ބޭރަށް ފުރާ މީހުން، ލަސްވެގެން މެންދުރު 1:00 ނުވަތަ އޭގެ ކުރިން ޗެކިންވުމުގެ ކަންކަން ފުރިހަމަ ކުރުމަށް އެމްއޭސީއެލްއިން ވަނީ އިރުޝާދު ދީފައެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު ޕޮމްޕެއޯ މިއަދު ރާއްޖެ ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.