ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޕީޕީއެމުން މައުލޫމާތު ދީފިއެވެ.

އިއްޔެއިއްސުރެ ޝިޔާމަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ހުންނަވަނިކޮށް ކުއްލިއަކަށް ހާލު ދެރަވުމުގެ ސަބަބުންނެވެ. އޭނާގެ ޓެސްޓުތަކެއް ހެއްދުމަށްފަހު އިތުރަށް ބެލުމަށް އޭނަ އެޑްމިޓް ކުރީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ނަމަވެސް މިހާރު އޭނާ ޓްރީޓޮޕަށް ބަދަލު ކޮށްފައި ވަ ކަމަށް މައުލޫމާތު ލިބެއެވެ.

މަޖިިސް ޖަލްސާގައި ތަޅުމުގައި އިންނެވުމަށްފަހު މަޖިލީހުގެ ގޯތިތެރެއަށް ނިކުމެވަޑައިގެންނެވިފަހުން ޝިޔާމްގެ ހާލަތު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން އޭނާއަށް ސްޓްރޯކެއް ޖެހުނު ކަމަށް ބުނެ އަޑު ފެތުރުނެވެ. ނަމަވެސް، ޕީޕީއެމުން ވަނީ އެކަން ދޮގުކޮށްފައެވެ.

ޝިޔާމްގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމްގެ މައިބަދައަށް އަނިޔާވެ އޭޑީކޭއިން ވަނީ ފަރުވާ ހޯއްދަވާފައެވެ.

އޭރު ޝިޔާމް އަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަކޮށް ޕީޕީއެމް އިން ބުނެފައި ވަނީ ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން ބުނެފައި ވާ ކަމަށެވެ. މިހާތަނަށް ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެއް މަސްދުވަސް ބެޑު ރެސްޓު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް އޭރު ޕީޕީއެމުން ވަނީ ބުނެފައެވެ.

ޕީޕީއެމުން ބުނީ، އެފަހުން ޝިޔާމަށް އެކި އެކި ސިއްހީ މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ.

ޝިޔާމް އަކީ އިދިކޮޅު ޕީޕީއެމްގެ ބަސް އިއްވުމުގައި ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ތަފާތު އެކިއެކި މައްސަލަތަކުގައި ވަކާލާތު ކުރައްވައި ބޭފުޅެކެވެ. އެންމެ ފަހުން އިއްޔެ ޝިޔާމް އިސްވެ ހުންނަވައި ވަނީ، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަވާފައެވެ.