މިދިޔަ އާދިއްތަ ދުވަހު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ރޫޓްގެ ގިނަ އަދަދެއްގެ ފައިސާ ފޭރެން ބަޔަކު އުޅުނު މައްސަލައާ ގުޅިގެން ރޭ ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މޫނު ފޮނުވައިގެން ތިބި 4 މީހަކު ސައިކަލުގައި ގޮސް ރޫޓްގެ ފައިސާ ފޭރެން މަސައްކަތް ކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 11:47 ހާއިރެވެ.

ފައިސާ ފޭރެން އުޅުނު މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ސައިކަލް މަޑުކޮށްލުމަށް ފަހު ފޭރެން މަސައްކަތް ކުރަން އުޅުނު މަންޒަރެވެ. ފައިސާ ހިފައިގެން ބޭންކާ ކައިރި ކުރާ ރީނދޫ ކުލައިގެ ވޭންގެ ކުރިއަށް ވާ ގޮތަށް 2 ސައިކަލު މަޑުކޮށް، ވޭން ޕާކު ކޮށް އެއިން މީހުން ނުކުންނަންދެން ހުށިޔާރު ކަމާއެކު ތިބެފައި ފަހަތުގައި ހުރި ސައިކަލުގައި ތިބި 2 މީހުންގެ ތެރެއިން ފަހަތުގައި އިންނަ މީހާ ތެދުވެ ދުއްވައިގަނެއެވެ. އޭނާ ގޮސް ވޭންގެ ކަނާއަތް ފަރާތުން ފައިބާ މީހުން ކޮއްޕާލައިފައި ފައިސާ ދަމައިގަންނަން މަސައްކަތް ކުރެއެވެ.

އެވަގުތު އެ ސައިކަލު ދުއްވަން އިން މީހާވެސް ފައިބައިގެން ގޮސް އަނެއް މީހާއަށް އެހީތެރިވާން އުޅެއެވެ. ނަމަވެސް ބޭންކުގެ ސެކިއުރިޓީންގެ ހުށިޔާރު ކަމާއެކު ފައިސާ ފޮށިގަނޑު އަތުލައި ފޭރޭ މީހުން ފަހާ ދުވާތަން ފެނެއެވެ. އެހާ ހިސާބުން އެކަން ކާމިޔާނު ނުވުމުން އެމީހުން އެތަނުން ފިލައެވެ. އޭގެ ތެރެއިން 3 މީހުން ތިބީ ހެލްމެޓް އަޅައިގެންނެވެ. އެކަކު އިނީ މާސްކް އަޅައިގެންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ހާދިސާ ހިނގިތާ 3 ދުވަސްވީއިރު، ފުލުހުންނަށް އަތުލައިގަނެވުނީ ތުހުމަތު ކުރެވޭ އެންމެ މީހެކެވެ.