ރާއްޖެ ބަނގުރޫޓު ކޮށްފައި ފަނޑިޔާރު ގެތައް ކޮރަޕްޝަންގެ އައްޑާތަކަށް ބަދަލުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނުގެ ލަފާގެ މަތިން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަދި އެކަމުގައި ރައީސް ޔާމީނުގެ ބައިވެރިވުންވެސް އޮތް ކަމަށެވެ. އަދި އެކަން ދިވެހި ރައްޔިތުން ވަރަށް ރަނގަޅަށް ދަންނާނެ ކަމަށާއި ޕީޕީއެމްގެ ވެރިކަމުގައި ކަންތައް ވީ ގޮތް ރައްޔިތުންނަށް މާބޮޑަށްވެސް އެނގޭނެ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ގާނޫނު އަސާސީއަށް ހުށައެޅުއްވި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމުން އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މި ސަރުކާރަށް (އެމްޑީޕީ ސަރުކާރަށް) އަމާޒުވުމުންނެވެ.

އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމުން ބުނެފައި ވަނީ މި ސަރުކާރުން ވަނީ ޖޭއެސްސީގެ ބާރުތައް މަސްހުނިކޮށް، ޖޭއެސްސީ މެދުވެރިކޮށް ރާއްޖޭގެ ޝަރުއީ ނިޒާމް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި ފަނޑިޔާރުންނަށް އިންސާފުވެރި ހުކުމެއް ނުކުރެވޭ މިންވަރަށް ޝަރުއީ ނިޒާމް ޕެރެލައިޒް ކޮށްލާފައި ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ގާނޫނު އަސާސީއަށް ހުށައެޅުއްވި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. އަދި މި ބިލުގެ ބަހުސްގައި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެފައި ނުވެއެވެ. މީގެއިތުރުން، އެމްޑީޕީގެ މެންބަރުން ވަނީ ޕީޕީއެމްއާއި ޕީއެންސީން މި ބިލަށް ވާހަކަ ދެއްކެވި މެންބަރުންނަށް ހުރަސް އަޅާފައެވެ.

އެ ބިލުގައި ތޯރިގު ހުށަހެޅުއްވީ، ގާނޫނު އަސާސީގެ 158 އާއި، 161 އާއި 162 އަދި 165 މާއްދާ އިސްލާހު ކުރާށެވެ.

އެގޮތުން، 158 ވަނަ މާއްދާގެ ދަށުން، ޖޭއެސްސީ އެކުލެވިގެން ވަނީ 10 މެންބަރުންގެ މައްޗަށް ކަމަށް ބަޔާން ކޮށްފައި ވާއިރު، ތޯރިގު ހުށަހެޅުއްވީ އެ މާއްދާ އިސްލާހު ކޮށް، ޖޭއެސްސީގައި 8 މެންބަރުން ތިބޭ ގޮތަށެވެ.

މިހާރު ގާނޫނު އަސާސީގައި ބުނާ ގޮތުން، ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

ނަމަވެސް، ތޯރިގު ވަނީ ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ހުށަހަޅުއްވާފައެވެ.

އަދި އޭނާ ހުށަހަޅުއްވާފައި ވަނީ، ދަށު ކޯޓުގެ ޖުމްލަ ދެ ފަނޑިޔާރުންނާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރެއްގެ އިތުރުން، ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅުއްވައި މަޖިލީހުން ރުހުންދޭ ބޭފުޅެއް ހިމެނުމަށެވެ.