މި ސަރުކާރު އައި އިރު ރައްޔިތުންނަށް ވައުދު ވެފައިވާގޮތަށް ޝަރުއީ ދާއިރާ މިނިވަން ކުރުމަށާއި ނުފޫޒުން އެއްކިބާވެފައިވާ ޝަރުއީ ނިޒާމެއް ގާއިމްކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އިހްލާސްތެރިކަމާއެކު ފުއްދުމަށް އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމުން ގޮވާލައިފިއެވެ.

ޕީޕީއެމުން ބުނީ ޖޭއެސްސީ އަކީ ވަކި ހާއްސަ ދުސްތޫރީ ވާޖިބެއް އަދާކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެއް ކަމަށެވެ. ގާނޫނު އަސާސީގެ 159 ވަނަ މާއްދާގައި އެ ކޮމިޝަނުގެ ބާރުތައް ބަޔާންކުރެވިފައިވީ ނަމަވެސް ސަރުކާރުން ވަނީ އެ ބާރުތައް މަސްހުނިކޮށް، ޖޭއެސްސީ މެދުވެރިކޮށް ރާއްޖޭގެ ޝަރުއީ ނިޒާމް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި ފަނޑިޔާރުންނަށް އިންސާފުވެރި ހުކުމެއް ނުކުރެވޭ މިންވަރަށް ޝަރުއީ ނިޒާމް ޕެރެލައިޒް ކޮށްލާފައި ކަމަށް ޕީޕީއެމުން ބުނެއެވެ.

ޖޭއެސްސީ އިސްލާހު ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށް ޕީޕީއެމުން ބުނެއެވެ. އަދި ވެރިކަމާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާ ހަމައަށް އެމްޑީޕީން ތަކުރާރުކޮށް ދައްކަމުން ދިޔަ ވާހަކައަކީ ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ކުރުމުގެ ވާހަކައާއި އެމްޑީޕީގެ ވެރިކަމެއްގައި އެކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ވާހަކަ ކަމަށް ޕީޕީއެމުން ބުނެއެވެ.

ނަމަވެސް މިސަރުކާރަށް ހުރިހާ ބާރެއް ލިބުމުން، މިއަދު އިދިކޮޅު ކޯލިޝަނުން ޖޭއެސްސީ އިސްލާހު ކުރުމަށް ހުށައެޅި ބިލު ބޭރުކޮށްލުމަކީ، ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ ނަމުގައި އެމްޑީޕީން ދައްކަމުން ދިޔަ ވާހަކަތަކަކީ އެއްވެސް އިހްލާސްތެރި ނިޔަތެއް ނެތި ދައްކަމުން ދިޔަ ވާހަކަތަކެއްކަން ހާމަވާ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި މިއީ އެމްޑީޕީއާއި މިސަރުކާރުގެ ނުފޫޒު ޝަރުއީ ނިޒާމަށް އިންތިހާއަށް އޮތްކަމާއި ސިޔާސީ ނުފޫޒުން ޝަރުއީ ނިޒާމު މިނިވަންކުރަން ބޭނުން ނުވާކަން ރައްޔިތުންނަށް އިތުރަށް ހާމަވެގެން ދިޔަ ކަމެއް ކަމަށް ޕީޕީއެމުން ބުނެއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ގާނޫނު އަސާސީއަށް ހުށައެޅުއްވި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. އަދި މި ބިލުގެ ބަހުސްގައި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެފައި ނުވެއެވެ. މީގެއިތުރުން، އެމްޑީޕީގެ މެންބަރުން ވަނީ ޕީޕީއެމްއާއި ޕީއެންސީން މި ބިލަށް ވާހަކަ ދެއްކެވި މެންބަރުންނަށް ހުރަސްއަޅާފައެވެ.