ދޯންޏެއް ގަތް މުއާމަލާތަށް ފަހު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު އެއްޗެއްސާ އެކު މަސް ދޯންޏަކަށް ބަޔަކު އެރި މައްސަލައާ ގުޅިގެން އިތުރު 5 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ތޫނު އެއްޗިއްސާއެކު މަސް ދޯންނަޔަކަށް ބަޔަކު އެރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދޯންނަށް މީހުން އަރާފައި ވަނީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮއްވާ ކަމަށް ފުލުހުން ބުނެއެވެ.
އެމީހުންގެ ތެރޭގައި ހިމެެނެނީ އުމުރުން 21 އަހަރުގެ މީހަކާއި 22 އަހަރުގެ ދެމީހަކާއި 33 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ރޭ ގެ ވަގުތެއްގައި ވެސް ވަނީ މި މައްސަލއާ ގުޅިގެން 3 ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެއީ 25 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހެއްކެވެ. މިއަދު މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެމީހުން ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ފުލުހުން ބުނެފައި ވަނީ މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މައުލޫމާތު ސާފު ކުރި ކުރުމުން އެ ދޯނި ލ. ގަމު ތުނޑިއަށް ކައިރި ކުރަން އެންގިފައިވާ ކަމަށެވެ. ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވެއެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗެއްސާ އެކު ގްރޫޕަކުން އަރާފައި ވަނީ ސ. ހިތަދޫގައި ދުއްވާ 'ފަސްކުރި' ނަަމަކަށް ކިޔާ ދޯންޏަށެވެ. ދޯންޏަށް އެރި މީހުންގެ ސީދާ އަދަދު ސާފު ނުވި ނަމަވެސް 30 ވަރަކަށް މީހުން އެެކި ހަތިޔާރާ އެކު ދޯންޏަށް އަރާފައި ވާ ކަމަށް އެ ދޯންޏާ ހަވާލާދީ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.